ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ސްޕޯކްސްޕަރސަނަކަށް މުޙައްމަދު ފިރުޒުލް ޢަބްދުﷲ ޚަލީލް ހަމަޖައްސައިފިއެވެ.
ޕީއެންސީން އިއްޔެ ވަނީ އެ ޕާޓީގެ ސްޕޯކްސްޕަރސަނަކަށް ރައީސް އޮފީހުގެ އަންޑަރ ސެކްރެޓެރީ ފޮރ ޕްރެޒިޑެންޝަލް އެފެއާޒްގެ މަގާމުގައި ހުންނެވި ފިރުޒުލް ހަމަޖެއްސިކަން ޢިއުލާންކޮށްފައެވެ. އަދި އޭނާ އަށް އެ ޕާޓީން ވަނީ މަރުޙަބާ ކިޔާފައެވެ.
2026 ވަނަ އަހަރުގެ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ކެމްޕެއިން ސްޕޯކްސްޕަރސަންގެ މަގާމުވެސް ފުރުއްވީ ފިރުޒުލް އެވެ.
މީގެ އިތުރުން ފިރުޒުލް ވަނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ޕީއެންސީ އަށް ކާމިޔާބުވުމާއެކު ވެރިކަން ބަދަލު ކުރުމުގެ ކަންކަން ކުރިއަށްގެންދިޔަ އިންތިގާލީ ކޮމެޓީގެ ތަރުޖަމާނުގެ މަގާމުވެސް ފުރުއްވާފައެވެ.
ފިރުޒުލް އަކީ މިސްރުގެ އަލްއަޒްހަރު ޔުނިވާސިޓީން ޝަރީއަތާއި ގާނޫނުގެ ދާއިރާއިން މަތީ ތައުލީމު ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ. ޕީއެންސީގެ ސަރުކާރު ވެރިކަމާ ހަވާލުވިއިރު ފިރުޒުލް ކުރިން ހުންނެވީ އިސްލާމިކް މިނިސްޓަރު، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ އިލްމު އިންސްޓިޓިއުޓްގެ ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލްގެ މަގާމުގަ އެވެ.
ޕީއެންސީގެ އައު ތަރުޖަމާނެއް ހަމަޖެއްސިއިރު، އެ ޕާޓީ އަށް މި މަހު ވަނީ އައު އެސްޖީއެސް ވެސް ހަމަޖައްސާފައެވެ. އެސްޖީއަކަށް ހަމަޖައްސާފައި ވަނީ މޫސާ ފަތުހީ އާދަމް އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!