ސްރީލަންކާގެ ރައީސްގެ ދަޢުވަތަކަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަންނަ ހަފުތާގައި އަވައްޓެރި ސްރީލަންކާ އަށް ދަތުރުފުޅެއްކުރަށްވަން ނިންމަވައިފިއެވެ.

ރައީސް އޮފީހުން މިއަދު ބުނިގޮތުގައި ރައީސް މިދަތުރުފުޅުކުރަށްވާނީ މޭ މަހުގެ 3 އިން 6 އަށެވެ.

Ad
rt

ރައީސް އޮފީހުން މަޢުލޫމާތު ދޭ ގޮތުގައި، މި ދަތުރުފުޅުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން ބަދަހިކުރުމަށް ރަސްމީ މަޝްވަރާތައް ކުރިއަށްގެންދިއުމާއި އެކި ދާއިރާތަކުން އެއްބަސްވުންތައް ބަދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މިދަތުރުފުޅުގައި ރައީސްގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދާއި ކެބިނެޓް ވަޒީރުންގެ އިތުރުން ސަރުކާރުގެ މަތީ ފެންވަރުގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވާނެއެވެ.

މި ދަތުރުފުޅާ ގުޅޭގޮތުން ސްރީލަންކާގެ މީޑިއާތަކުން މި މަހު ކުރީކޮޅު ރިޕޯޓުކޮށްފައިވާ ގޮތުގައި، ދިވެހިރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރު މަސްޢޫދު އިމާދު އާއި، ސްރީލަންކާގެ ފިޝަރީޒް، އެކުއަޓިކް އެންޑް އޯޝަން ރިސޯސަސް މިނިސްޓަރު ރާމަލިންގަމް ޗަންދުރަސޭކަރު ވަނީ، ރައީސް މުޢިއްޒުގެ ދަތުރުފުޅާއި ގުޅިގެން ރަސްމީ ބައްދަލުވުމެއް ބާއްވަވައި، ދެ ޤައުމުގެ މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

ރާއްޖެއާއި ސްރީލަންކާއާ ދެމެދު އޮތީ 60 އަހަރުވީ ގާތް ސިޔާސީ ގުޅުމެކެވެ. މި ގުޅުން އިތުރަށް ހަރުދަނާކުރުމަށް ދެ ޤައުމުންވެސް ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ ވަނީ ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވައިފައެވެ.