އީރާނުގެ އަސްކަރީ ގާބިލުކަން، ޓްރަމްޕްގެ ސަރުކާރުން ނުވަތަ ޕެންޓަގަނުން އާންމުކޮށް ހީކުރާ މިންވަރަށް ވުރެ މާ ވަރުގަދަ ކަމަށް ޖާސޫސީ މައުލޫމާތު އެނގޭ އެމެރިކާގެ އޮފިޝަލުންތަކަކާ ހަވާލާދީ ސީބީއެސް ނިއުސްއިން ރިޕޯޓުކޮށްފިއެވެ.
ޖާސޫސީ މައުލޫމާތުތަކާ ހަވާލާދީ ތިން އޮފިޝަލަކު އެ ނޫސް އޭޖެންސީ އަށް ބުނިގޮތުގައި، އޭޕްރީލް މަހުގެ ކުރީކޮޅު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އަމަލުކުރަން ފެށިއިރުވެސް، އީރާނުގެ ބެލިސްޓިކް މިސައިލްތަކާއި އެއާ ގުޅުންހުރި ލޯންޗް ސިސްޓަމްތަކުގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި އަދިވެސް ސަލާމަތުން އެބަހުއްޓެވެ. މިއީ ވައިޓް ހައުސްއިން ކުރިން އުންމީދުކުރި މިންވަރަށް ވުރެ މަތީ އަދަދެކެވެ.
މީގެ އިތުރުން، އިސްލާމީ އިންގިލާބީ ގާޑުންގެ (އައި.އާރު.ޖީ.ސީ) ކަނޑުގެ ސިފައިންގެ ގާތްގަނޑަކަށް 60 އިންސައްތަ އަދިވެސް އޮޕަރޭޝަނަލް ހާލަތުގައި އެބައޮތް ކަމަށާއި، އޭގެ ތެރޭގައި ހަލުވިކަމާއެކު ހަމަލާދޭ ސްޕީޑް ބޯޓުތައް ހިމެނޭ ކަމަށް އޮފިޝަލުން ފާހަގަކުރިއެވެ. ރައީސް ޑޮނަލްޑް ޓްރަމްޕް، ސުލްހައިގެ ވާހަކަތަކަށް ވަގުތު ދިނުމަށް ހަނގުރާމަ ހުއްޓާލުމުގެ މުއްދަތު އިތުރުކުރިކަން އިއުލާން ކުރިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި، ބުދަ ދުވަހު އީރާނުގެ ބޯޓުތަކުން ވަނީ ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރި ވިޔަފާރި އުޅަނދުތަކަކަށް ހަމަލާދީފައެވެ.
ނަން ހާމަނުކުރުމަށް އެދި ''ސީބީއެސް ނިއުސް'' އަށް މައުލޫމާތު ދިން އޮފިޝަލުން ބުނި ގޮތުގައި، އެމެރިކާ އާއި އިސްރާއީލުން ގުޅިގެން ދިން ވަރުގަދަ ހަމަލާތަކުގައި އެތައް ހާސް އަމާޒަކަށް ހަމަލާދީފައިވީ ނަމަވެސް، އީރާނުގެ ވައިގެ ސިފައިންގެ ތިންބައިކުޅަ ދެބައި އަދިވެސް އޮތީ ސަލާމަތުންނެވެ. އެހެންނަމަވެސް، އީރާނުގެ ވައިގެ ބާރު ކުރިއަށްވުރެ ބޮޑަށް ދަށްވެފައިވާ ކަމަށް އެފަރާތްތަކުން އެއްބަސްވެއެވެ.
މި ރިޕޯޓުތަކާ ގުޅިގެން އެމެރިކާގެ ރައީސް ޓްރަމްޕާއި ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު ކުރިން ދީފައިވާ ބަޔާންތަކަށް ވަނީ ސުވާލު އުފެދިފައެވެ. "އޮޕަރޭޝަން އެޕިކް ފިއުރީ" އަކީ އީރާނުގެ އަސްކަރީ ގާބިލުކަން މުޅިން ނައްތާލި ހަރަކާތެއްގެ ގޮތުގައި ސިފަކުރަމުން ޓްރަމްޕް ބުނެފައި ވަނީ، "އަހަރެމެން އެމީހުންގެ ކަނޑުގެ ސިފައިންނާއި، ވައިގެ ސިފައިން އަދި ލީޑަރުންވެސް ނައްތާލައިފިން،" ކަމަށެވެ.
ޑިފެންސް ސެކްރެޓަރީ ހެގްސެތު ވެސް ވަނީ މިއީ އަސްކަރީ ގޮތުން ހޯދި ފުރިހަމަ ކާމިޔާބީއެއް ކަމަށް ބުނެފައެވެ. ނަމަވެސް، ޑިފެންސް އިންޓެލިޖެންސް އެޖެންސީގެ އިސްވެރިޔާ މެރިން ލެފްޓިނެންޓް ޖެނެރަލް ޖޭމްސް އެޑަމްސް ބުނީ، އީރާނުގެ ގާބިލުކަން ދަށްވެފައިވީ ނަމަވެސް، އެމެރިކާގެ ސިފައިންނާއި ބައިވެރިންނަށް ނުރައްކާ ކުރެވޭ ފަދަ އެތައް ހާސް މިސައިލަކާއި ޑްރޯން އަދިވެސް އެގައުމުގައި އެބަހުރި ކަމަށެވެ.
މި މައުލޫމާތުތަކާ ގުޅިގެން ޕެންޓަގަންގެ ތަރުޖަމާނު ޝޯން ޕާނެލް ބުނީ، އީރާނުގެ 13,000 އަށްވުރެ ގިނަ އަމާޒަށް ހަމަލާދީފައިވާ ކަމަށާއި، މިއީ ކާމިޔާބު އޮޕަރޭޝަނެއް ކަމަށެވެ. އޭނާ ބުނެފައިވާ ގޮތުގައި އީރާނުގެ ކަނޑުގެ ސިފައިންގެ ބޮޑެތި އުޅަނދުތަކުގެ 92 އިންސައްތަ ވަނީ ނައްތާލާފައެވެ. އަދި މީޑިއާއިން މި ކާމިޔާބީގެ އަގުވައްޓާލަން މަސައްކަތް ކުރަމުންދާ ކަމަށްވެސް އޭނާ ތުހުމަތު ކުރިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!