ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ރިޔާސީ ޓިކެޓް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޟް އިސްމާއިލަށް ދިނުމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ތާއީދުކުރައްވައިފިއެވެ.
ރައީސް ނަޝީދު މިކަން އިއުލާންކުރެއްވީ "ބޮޑު ބަދަލު"ގެ ނަމުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި ވެރިކަމުގެ ނިޒާމަށާއި ދައުލަތް ހިންގުމުގެ އޮނިގަނޑަށް ގެންނަން އެބޭފުޅުންނަށް ފެނިވަޑައިގަންނަވާ މުހިންމު ބަދަލުތަކަކާ ގުޅޭ ޕްރެޒެންޓޭޝަނެއް ވަނީ ހުށަހަޅާފައެވެ.
ނަޝީދާއި ފައްޔާޟް ގުޅިގެން ހުށަހެޅުއްވި މި އިސްލާހުތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއް ކަމަކީ ދައުލަތުގެ އެންމެ މަތީ ވެރިޔާ އާއި ސަރުކާރު ހިންގާ ފަރާތަކީ ތަފާތު ދެ މަގާމެއްގެ ގޮތުގައި ކަނޑައެޅުމެވެ. މި ހުށަހެޅުމުގައިވާ ގޮތުން ސަރުކާރު ހިންގާ ފަރާތް (ހެޑް އޮފް ގަވަރްމަންޓް) ހޮވާނީ ރައްޔިތުންގެ ސީދާ ވޯޓަކުންނެވެ.
ނަމަވެސް، ދައުލަތުގެ އެންމެ މަތީވެރިޔާ ނުވަތަ "ރައީސުލްޖުމްހޫރިއްޔާ" ހޮވާނީ އިންތިޚާބީ މަގާމުތަކުގައި ތިބޭ ފަރާތްތަކުގެ މެދުގައި ނަގާ ވޯޓަކުންނެވެ. އަދި ދައުލަތުގެ އެންމެ މަތީވެރިޔާ މަގާމުން ވަކިކުރެވޭނީ ރައްޔިތުންގެ ސީދާ ވޯޓަކުން ކަމަށްވެސް މި ހުށަހެޅުމުގައި ބަޔާންކޮށްފައިވެއެވެ.
"މި ބަދަލު، މި ބޮޑު ބަދަލު ގެނައުމުގައި އަޅުގަނޑު ތާއީދުކުރަން ފައްޔާޒު އިސްމާއިލް އެއީ ސަރުކާރުގެ އެންމެ މަތީ ވެރިޔާގެ ގޮތުގައި ކުރިމަތިލުމަށް،" ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވެފަވެއެވެ.
މީގެ އިތުރުން، ފައްޔާޟާއި ނަޝީދުވެސް ވިދާޅުވީ ގާނޫނުއަސާސީއަށް ހުށަހަޅާ މި ބޮޑެތި އިސްލާހުތަކަށް އެމްޑީޕީގެ އެތެރޭގެ ތާއީދު ހޯދުމަށް ކުރިއަށް އޮތް ތަނުގައި ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!