އެމެރިކާއާއި އީރާނާ ދެމެދު ހަނގުރާމަ ހުއްޓާލުމަށް އިޢުލާންކުރުމާ ގުޅިގެން، އިސްތިޢުމާރުކޮށްފައިވާ އިރުމަތީ ގުދުސްގައި ހުރި މުޤައްދަސް ބިނާތައް އަލުން ހުޅުވާލައި، ހުޅަނގު އައްސޭރީގައި ހުރި ދަތުރުފަތުރުގެ ބައެއް ހުރަސްތައް ނައްތާލައިފިއެވެ.

މި ނިންމުމާއެކު، އޭޕްރީލް 9 ވީ ހުކުރު ދުވަހު، ފެބްރުއަރީ 28 ގައި ހަނގުރާމަ ފެށުނު ފަހުން ފުރަތަމަ ފަހަރަށް 100،000 އަށްވުރެ ގިނަ މުސްލިމުން ވަނީ އަލްއަޤްޞާ މިސްކިތުގެ ގޯތިތެރެއަށް ހުކުރު ނަމާދަށް ޖަމާވެފައެވެ. މީގެ އިތުރުން 'ހޮލީ ވީކް' އާ ދިމާކޮށް ބަންދުކޮށްފައި އޮތް 'ޗާޗް އޮފް ދަ ހޮލީ ސެޕަލްކާ' ވެސް ވަނީ އޮތޮޑޮކްސް އީސްޓާގެ ކުރިން ބާއްވާ 'ހޮލީ ފަޔަރ ސެޓަޑޭ' އާ ދިމާކޮށް ހުޅުވާލާފައެވެ. މި މުނާސަބަތުގައި ކްރިސްޓިއަން ކުއާޓަރުގައި ފަލަސްތީނުގެ ސްކައުޓުން ވަނީ މިއުޒިކާއެކު ހިނގާލުމެއް ބާއްވާފައެވެ.

Ad
rt

ނަމަވެސް، މި އުފާވެރި މާހައުލަށް ހުރަސް އަޅައި އިސްރާއީލުގެ ސަލާމަތީ ބާރުތަކުން ވަނީ ފަލަސްތީނުގެ ކްރިސްޓިއަން ސްކައުޓުންތަކެއް އަނިޔާވެރިކަމާއެކު ހައްޔަރުކޮށްފައެވެ. އަދި އެކުދިންގެ ޔުނީފޯމުގައި ހުރި ފަލަސްތީނުގެ ދިދައިގެ ބެޖުތައް ވެސް ސިފައިން ވަނީ ނައްޓާލާފައެވެ.

އަލްއަޤްޞާ މިސްކިތް ހުޅުވާލި ނަމަވެސް، އިސްރާއީލުގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިތަމާރު ބެން-ގްވީރު ވަނީ ފުލުހުންގެ ހިމާޔަތުގައި އެ ސަރަހައްދަށް ވަދެގަނެ، ޔަހޫދީ ދީނީ އަޅުކަންތައް އަދާކޮށްފައެވެ. އެތަނުގައި ހުރެ ބެން-ގްވީރު ބުނީ "މިއަދު، މިތަނުގެ ސާހިބަކީ ތިމަންމެންކަން އިހުސާސްކުރެވޭ" ކަމަށެވެ. މިއީ އެތަނުގައި ޔަހޫދީން ނަމާދުކުރުން މަނާކޮށްފައި އޮތް ނަމަވެސް، އެކަން އާންމުވަމުންދާތީ އެކަމުގެ އުފާފާޅުކުރުމުގެ ގޮތުން އޭނާ ބުނި ބަހެކެވެ. އުރުދުންގެ ފޮރިން މިނިސްޓްރީން ވަނީ މި އަމަލުތަކަކީ އެތަނުގެ 'ސްޓޭޓަސް ކޯ' އާ ޚިލާފު ކަމެއް ކަމަށް ބުނެ ކުށްވެރިކޮށްފައެވެ.

ޣައްޒާގެ ހާލަތު: ހަމަލާތަކާއި ޝަހީދުންގެ އަދަދު އިތުރުވުން

އީރާނާއެކު ހަނގުރާމަ ހުއްޓާލި ނަމަވެސް، ޣައްޒާއަށް ދެމުންދާ ހަމަލާތަކަށް ހުއްޓުމެއް ނާދެއެވެ. އޭޕްރީލް 8 ވަނަ ދުވަހު އިސްރާއީލުން ދިން ޑްރޯން ހަމަލާއެއްގައި އަލްޖަޒީރާގެ ނޫސްވެރިޔާ މުޙައްމަދު ވިޝާޙް ވަނީ ޝަހީދުކޮށްލާފައެވެ. މިއާއެކު 2023 އޮކްޓޯބަރުން ފެށިގެން ޝަހީދުވި ނޫސްވެރިންގެ އަދަދު 262 އަށް ވަނީ އަރާފައެވެ.

އޭޕްރީލް 9 ވަނަ ދުވަހު އުތުރު ޣައްޒާގައި ފިލާވަޅު ދަސްކުރަން އިން 9 އަހަރުގެ ރިތާޖް ރިހާން ވެސް ވަނީ އިސްރާއީލު ސިފައިން ބަޑިޖަހައި ޝަހީދުކޮށްލާފައެވެ. މީގެ އިތުރުން ޖަބަލިއާ، ޚާން ޔޫނިސް، އަދި ބުރައިޖް ކޭމްޕަށް ދިން ހަމަލާތަކުގައި ގިނަ ބަޔަކު ވަނީ ޝަހީދުވެފައެވެ.

ޣައްޒާގެ ހެލްތު މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު، އޮކްޓޯބަރު 7، 2023 އިން ފެށިގެން މިހާތަނަށް ޝަހީދުވި ފަލަސްތީނު މީހުންގެ ޖުމްލަ އަދަދު ވަނީ 72,333 އަށް އަރާފައެވެ. އަދި އޭޕްރީލް 13 އާ ހަމައަށް އެކަނިވެސް 2,100 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ.