މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން، ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ރާއްޖެއިން ބޭރަށް ފޮނުވާ ފައިސާއާ ބެހޭ ޚާއްސަ ސާވޭއެއް މިއަދު ގްރޭޓާ މާލޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.

މި ސާވޭއަކީ ރާއްޖޭގައި ދިރިއުޅެމުންދާ ބިދޭސީ މަސައްކަތްތެރިންނަށް އަމާޒުކޮށްގެން، ރާއްޖޭގެ ބެލެންސް އޮފް ޕޭމަންޓްސް ތަފާސްހިސާބުތައް ތައްޔާރުކުރުމަށް ބޭނުންވާ މުހިންމު ޑޭޓާ ހޯދުމަށް ކުރިއަށް ގެންދާ ސާވޭއެކެވެ. މި ސާވޭގެ ސަބަބުން ރާއްޖެއިން ބޭރަށް ފައިސާ ދައުރުވާ ގޮތުގެ ސައްހަ މައުލޫމާތު އެއްކުރެވިގެންދާނެއެވެ.

Ad
rt

ސާވޭ މެދުވެރިކޮށް އެއްކުރެވޭ މައުލޫމާތުގެ ތެރޭގައި ބިދޭސީ މަސައްކަތްތެރިން ފައިސާ ފޮނުވުމަށް ބޭނުންކުރާ ވަސީލަތްތަކާއި، ފައިސާ ފޮނުވާ ފްރިކުއެންސީ ނުވަތަ ފައިސާ ފޮނުވާ މިންވަރުގެ އިތުރުން، އާންމުކޮށް ފޮނުވާ ފައިސާގެ އަދަދުތައް ހިމެނެއެވެ. މި މައުލޫމާތަކީ އިގްތިސާދީ ސިޔާސަތުތައް އެކުލަވާލުމުގައި މުހިންމު ދައުރެއް އަދާކުރާނެ މައުލޫމާތުތަކެކެވެ.

އެމްއެމްއޭ އިން ބުނިގޮތުގައި، މި ސާވޭގައި މަސައްކަތްތެރީންގެ ނަން، ޕާސްޕޯޓް ނަންބަރު، ނުވަތަ ވޯކް ޕާމިޓް ތަފްސީލު ފަދަ އެއްވެސް ޒާތީ މައުލޫމާތެއް ނުހޯދާނެއެވެ. އަދި ސާވޭގައި އެއްކުރެވޭ ހުރިހާ މައުލޫމާތެއްގެ ސިއްރު ހިފަހައްޓާނެކަމުގެ ފުރިހަމަ ޔަގީންކަން އެ އޮތޯރިޓީން ވަނީ ދީފައެވެ.

މި ސާވޭގައި ވީހާވެސް ގިނަ ބިދޭސީ މަސައްކަތްތެރިން ބައިވެރިވެ، ސައްހަ މައުލޫމާތު ފޯރުކޮށްދިނުމަށް އެމްއެމްއޭ އިން ވަނީ ބާރުއަޅާފައެވެ. މިއީ ރާއްޖޭގެ މާލީ ނިޒާމާއި އިގްތިސާދީ ހާލަތު ދެނެގަތުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.