އިޒްރޭލުން ގާޒާގައި ހިންގަމުންދާ ގަތުލުއާންމާ ގުޅިގެން އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތަނީ އަލްބަނީޒް ގެންގުޅުއްވާ ސިޔާސަތަށް ނުރުހުން ފާޅުކޮށް، އީދު ނަމާދަށް އެ ގައުމުގެ އެންމެ ބޮޑު މިސްކިތަށް އޭނާ ވަޑައިގަތުމުން އާންމުންގެ ބަޔަކު އޭނާއަށް ހުރަސްއަޅައި އަޑުގަދަކޮށްފިއެވެ.

ސިޑްނީގެ ހުޅަނގުގައި ހުންނަ ލަކެމްބާ މިސްކިތުގައި ރަމަޟާން މަސް ނިމުމުގެ އުފާ ފާޅުކުރުމަށް ބޭއްވި ހަރަކާތުގައި ބޮޑުވަޒީރާއި ހޯމް އެފެއާޒް މިނިސްޓަރު ޓޯނީ ބާކް ބައިވެރިވެވަޑައިގެންނެވިތާ 15 މިނެޓެއްހާއިރު ފަހުން، މުޒާހަރާގެ ބައިވެރިން ވަނީ އެ ތަނުގެ މަސްލަހަތު ނަގާލަން މަސައްކަތް ކޮށްފައެވެ.

Ad
rt

މިސްކިތަށް އެއްވެ ތިބި އާންމުން ވަނީ "މިތަނުން ނިކުމޭ!" އޭ ބުނެ އަޑުގަދަކޮށް، ގާޒާގައި ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގާ ގަތުލުއާންމަށް އެ ބޭފުޅުން ތާއީދުކުރައްވާ ކަމަށް ބުނެ "ގަތުލުއާންމަށް ވާގިވެރިވާ ބޭފުޅުން" ގެ ގޮތުގައި އެ ބޭފުޅުން ސިފަކޮށްފައެވެ. މި ހަމަނުޖެހުންތަކާ ގުޅިގެން އެ ތަނުގެ އިންތިޒާމުތަކުގައި އިސްކޮށް އުޅުނު ފަރާތަކުން ވަނީ "ލޮބުވެތި އަޚުންނާއި އުޚުތުންނޭ، ކުޑަކޮށް މަޑުމައިތިރިވެވަޑައިގަންނަވާ، މިއީ އީދު ދުވަސް، މިއީ އުފާވެރި ދުވަހެއް" ކަމަށް ބުނެ މީހުން މައިތިރިކުރަން މަސައްކަތްކޮށްފައެވެ.

މި ހާދިސާގެ ތެރެއިން ހަމަނުޖެހުން ހިންގަން މަސައްކަތް ކުރި މީހަކު ސެކިއުރިޓީ ގާޑުން ހިފަހައްޓައި، ބިމަށް ތިރިކުރުމަށްފަހު އެ ސަރަހައްދުން ބޭރުކުރާ މަންޒަރު ފެންނަ ވީޑިއޯތަކެއް ވެސް ވަނީ އާންމުވެފައެވެ. ބޮޑުވަޒީރު އަލްބަނީޒާއި މިނިސްޓަރު ބާކް މިސްކިތުން ނިކުމެވަޑައިގެންނެވި ވަގުތުވެސް، އާންމުން ވަނީ "ލަދުގަނޭ!" އޭ ބުނެ އަޑުގަދަކޮށްފައެވެ.

އޮސްޓްރޭލިއާގެ މުސްލިމް އަދި ޔަހޫދީ މުޖުތަމައުގެ ބައެއް ފަރާތްތަކުން ދަނީ ސަރުކާރުގެ ސިޔާސަތާ މެދު ނުރުހުން ފާޅުކުރަމުންނެވެ. ސަރުކާރުން މަސައްކަތް ކުރަނީ ފަލަސްތީނުގެ ހާލަތާ މެދު ކަންބޮޑުވުން ފާޅުކުރުމާއި، ހަނގުރާމަ ހުއްޓާލުމަށް ގޮވާލުމާއި، އަދި އިޒްރޭލުގެ ދިފާއީ ހައްގަށް ތާއީދުކުރުމުގެ މެދުގައި ހަމަހަމަ ސިޔާސަތެއް ގެންގުޅުމަށެވެ. ނަމަވެސް މިއީ ގިނަ ބަޔަކު ގަބޫލުކުރާ ކަމެއް ނޫނެވެ.

މި ހާދިސާއާ ގުޅިގެން ފަހުން ނޫސްވެރިންނާ ވާހަކަދައްކަވަމުން ބޮޑުވަޒީރު ވިދާޅުވީ، ކޮންމެވެސް ވަރެއްގެ ހުރަސްތަކެއް ކުރިމަތިވި ނަމަވެސް، މުޅި ހަރަކާތަކީ ވަރަށް "ޕޮޒިޓިވް" ހަރަކާތެއް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި 30،000 އެއްހާ މީހުންގެ ތެރެއިން ދެތިން މީހަކު ނުރުހުން ފާޅުކުރުމަކީ މުޅި މަންޒަރު ބަދަލުވާނެ ކަމެއް ނޫނެވެ. މީގެ އިތުރުން، ސަރުކާރުން "ހިޒްބުއްތަހުރީރު" އަކީ ނަފުރަތު ފަތުރާ މަނާ ޖަމާއަތެއްގެ ގޮތުގައި ކަނޑައެޅުމަކީ ވެސް އާންމުންގެ ބައެއް ފަރާތްތަކުގެ ނުރުހުން އަމާޒުވި ސަބަބެއް ކަމަށް ބޮޑުވަޒީރު ފާހަގަކުރެއްވިއެވެ.

މިދިޔަ ފެބުރުއަރީ މަހު އިޒްރޭލުގެ ރައީސް އައިޒަކް ހަރްޒޮގް އޮސްޓްރޭލިއާއަށް ކުރެއްވި ޒިޔާރަތާ ދެކޮޅަށް ވެސް އެ ގައުމުގައި ބޮޑެތި މުޒާހަރާތަކެއް ވަނީ ކޮށްފައެވެ. ސިޑްނީގައި ބޭއްވި އެ އެއްވުންތަކުގައި ފުލުހުންނާއި އާންމުންނާ ދެމެދު ހިނގި ކުރިމަތިލުންތަކުގައި 27 މީހަކު ހައްޔަރުކޮށްފައިވެއެވެ.