އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދެމުންދާ ހަމަލާތަކުގައި 223 އަންހެނުންނާއި 202 ކުޑަކުދިން މަރުވެފައިވާ ކަމަށް އީރާނުން ހާމަކޮށްފިއެވެ.

އީރާނުގެ ހެލްތު މިނިސްޓްރީން އާދީއްތަ ދުވަހު ނެރުނު ބަޔާނެއްގައިވާ ގޮތުން، ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުން ފެށިގެން އެމެރިކާ އާއި އިސްރާއީލު ގުޅިގެން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް މަދުވެގެން 223 އަންހެނުންނާއި 202 ކުޑަކުދިން ވަނީ މަރުވެފައެވެ.

Ad
rt

ފާރްސް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ މި ބަޔާނުގައި ބުނެފައިވާ ގޮތުގައި، މަރުވި މީހުންގެ ތެރޭގައި ތިން މާބަނޑު އަންހެނުންނާއި، ފަސް އަހަރުން ދަށުގެ 12 ކުޑަކުދިން ހިމެނެއެވެ. މީގެ އިތުރުން، މި ހަމަލާތަކުގައި އިތުރު 41 ކުޑަކުދިންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.

އެމެރިކާ އާއި އިސްރާއީލުގެ މި ހަމަލާތަކުގެ ސަބަބުން އީރާނުގެ ސިއްހީ އުމްރާނީ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން ފާހަގަކުރަމުން އެ ބަޔާނުގައި ބުނެފައިވަނީ، ގައުމުގެ އެކި ސަރަހައްދުތަކުން ޖުމްލަ 153 ސިއްހީ މަރުކަޒަކަށް ގެއްލުން ލިބިފައިވާ ކަމަށެވެ.

ދެފަރާތުގެ މެދުގައި ހަމަނުޖެހުންތައް ބޮޑުވެފައިވަނީ ފެބްރުއަރީ 28 ވަނަ ދުވަހު އިސްރާއީލާއި އެމެރިކާ ގުޅިގެން އީރާނަށް ދޭން ފެށި ވަރުގަދަ ހަމަލާތަކާ ގުޅިގެންނެވެ. އެ ހަމަލާތަކުގައި އޭރުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ހިމެނޭހެން ގާތްގަނޑަކަށް 1,200 މީހުން ވަނީ މަރުވެފައެވެ.

މި ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން އީރާނުން ވަނީ އިސްރާއީލާއި، އުރުދުން، އިރާގު އަދި އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުރި ގަލްފުގެ ގައުމުތަކަށް އަމާޒުކޮށް ޑްރޯން އަދި މިސައިލް ހަމަލާތަކެއް ދީފައެވެ.