ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ޓާޝަރީ ފެންވަރަށް އަޕްގްރޭޑްކުރުމަށްޓަކައި އަލަށް އިތުރުކުރެވޭ އިމާރާތުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް ހެލްތުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި މަޝްރޫޢު ހަވާލުކުރުމުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި ހެލްތް މިނިސްޓްރީ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތު އިސްމާޢިލް ޢަބްދުﷲ އެވެ. އެމްޓީސީސީ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ޝަރީފް އަބްދުލްރަހްމާން ޔޫސުފް އެވެ.

Ad
rt

މި ރަސްމިއްޔާތުގައި ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު ފަރުހަތު މުޙައްމަދު އާއި ހޮސްޕިޓަލް ސީއީއޯ ނާޒިމާ އަލީ އަދި ޑެޕިއުޓީ ސީއިއޯ ވެސް ބައިވެރިވެލެއްވިއެވެ.

މި އެއްބަސްވުމުގެ ދަށުން މަސައްކަތް ކުރިއަށް ގެންދާނީ ދެ ފޭސް އަކަށް ބަހާލައިގެންނެވެ. ފޭސް 1 ގައި ޓާޝަރީ ފެންވަރަށް ޚިދުމަތް ގެނައުމަށް އަލަށް ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ ތަނުގައި ހުރި ހޮސްޕިޓަލްގެ އޮޕަރޭޝަން ތިއޭޓަރ، ސީއެސްއެސްޑީ އަދި މިނޫންވެސް ޚިދުމަތްތައް ހޮސްޕިޓަލްގެ އެހެން ތަނަކަށް ބަދަލުކުރުން ކުރިއަށް ގެންދަން ނިންމާފައިވާއިރު، ފޭސް 2 ގައި ޓާޝަރީ ފެންވަރަށް ޚިދުމަތް ގެނައުމަށް އަލަށް ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ ޢިމާރާތުގެ މަސައްކަތްކުރުން ކުރިއަށް ގެންދާނެއެވެ.

ކޭއާރުއެޗް ޓާޝަރީ ފެންވަރަށް ތަރައްގީކުރުމުގެ ފޭސް ދެއެއްގައި ހިމެނޭ އިމާރާތް ނިމުމުން ޖާގައިގެ ދަތިކަން އެއްކޮށް ހައްލުވެ، މިހާރު ނުލިބޭ ޚިދުމަތްތައް ގާއިމުކުރެވިގެންދާނެކަމަށް އެ ހޮސްޕިޓަލްގެ ޗީފް އެގްޒެޓިވް އޮފިސަރ ނާޒިމާ އަލީ ވަނީ މިދިޔަ ޑިސެމްބަރުގައި ވިދާޅުވެފައެވެ.

އާރުއެޗުން މިހާރު ދެމުންދާ ޚިދުމަތްތަކާއި ފާއިތުވެ ދެ އަހަރު ދެވުނު ޚިދުމަތަކާއި ގުޅޭ ގޮތުން ދެއްވި ޚުލާސާ މެސެޖެއްގައި ނާޒިމާ އެއިރު ވިދާޅުވީ، އައު އިމާރާތާއެކު ލެބޯޓަރީ، އެކްސްރޭ ޑިޕާޓްމަންޓް، ސައިކިއޭޓްރިކް ވޯޑް އަދި އައިސޮލޭޝަން ވޯޑް ފަދަ މުހިންމު ވަސީލަތްތައް ޤާއިމުވެގެންދާނެ ކަމަށެވެ.

"މި އިމާރާތަށް ބަދަލުވުމަށްފަހު މިހާރު ހުރި ޖާގައިގެ ހުރިހާ ދަތިކަމަށް ހައްލު ލިބިގެންދާނެ،" ނާޒިމާ ވިދާޅުވެފައެވެ.

މީގެ އިތުރުން، މި ތަރައްޤީއާއެކު ބަލިމީހުން އިތުރު ފަރުވާއަށް މާލެ ފޮނުވަންޖެހޭ ޖެހުމަށް ބޮޑު ހައްލެއް ލިބޭނެކަން ނާޒިމާ ފާހަގަކުރެއްވިއެވެ. ޚާއްޞަކޮށް ހިތުގެ ބަލިތަކަށް ފަރުވާދޭ ކެތް ލެބެއްގެ ޚިދުމަތް އައު އިމާރާތާއެކު ފެށިގެންދާނެއެވެ. މިހާރުވެސް އެ ހޮސްޕިޓަލުގައި ހިތުގެ ބަލިތަކުގެ ޚާއްޞަ ޑޮކްޓަރެއް މަސައްކަތް ކުރައްވަމުން ގެންދަވައެވެ.

ހޮސްޕިޓަލުން މިހާރުވެސް ގެންދަނީ ކުރިމަގުގައި ޚިދުމަތް ފުޅާކުރުމަށް ބޭނުންވާ އިންސާނީ ވަސީލަތްތައް ތައްޔާރުކުރަމުންނެވެ. އެގޮތުން ގިނަ އަދަދެއްގެ ޑޮކްޓަރުން ސަބްސްޕެޝަލިޓީ ހެދުމަށް ރާއްޖޭއިން ބޭރުގައި ކިޔަވަމުންދާއިރު، އެ ބޭފުޅުން އެނބުރި ވަޑައިގަންނަވާނެ ވަގުތަށް ބޭނުންވާނެ ވޯޑުތަކާއި ސެޓަޕްތައް ތައްޔާރުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ ތިލަދުންމަތީގެ ތިން އަތޮޅުގެ ރައްޔިތުން ޚިދުމަތް ހޯދަމުންދާ މައި ހޮސްޕިޓަލެވެ.