2026 ވަނަ އަހަރުގެ އެޕްރީލް މަހުގެ 4 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ އިތުރުން، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓު މިއަދު ޢާންމުކޮށްފިއެވެ.
މި އިންތިޚާބުތަކުގައި ވޯޓުލުމުގެ ޙައްޤު ޖުމްލަ 299,876 މީހުންނަށް ލިބިފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ 144,506 އަންހެނުންނާއި 150,370 ފިރިހެނުންނެވެ.
މި ފަހަރުގެ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި 225 ދާއިރާއަކަށް ޖުމްލަ 1,356 މެންބަރުން އިންތިޚާބު ކުރުމަށް ވަނީ ހަމަޖެހިފައެވެ.
އިންތިޚާބުގެ ކަންކަން އިންތިޒާމު ކުރުމުގެ ގޮތުން، ރާއްޖޭގެ އަތޮޅުތެރެއާއި، ރިސޯޓުތަކާއި، ޖަލުތަކުގެ އިތުރުން މާލޭ ސަރަހައްދު ހިމެނޭހެން ޖުމްލަ 588 ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ނިންމާފައެވެ.
ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓު މިހާރު އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުންނާއި ދިވެހި ސަރުކާރުގެ ގެޒެޓުގައި ވަނީ ޝާޢިއުކޮށްފައެވެ.
މީގެ އިތުރުން، ވޯޓުލާން ދާންޖެހޭ ތަން ޗެކްކުރުމަށްޓަކައި VR (Space) ID number ޖެއްސެވުމަށްފަހު 1414 އަށް އެސް.އެމް.އެސް ކޮށްގެން މަޢުލޫމާތު ސާފުކުރެވޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!