ކަނޑުމަގުން ރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގައި ދެ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނިގޮތުގައި މި ދެ މީހުން ހައްޔަރުކޮށްފައިވަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، އެ ތަކެތި ބޭނުންކޮށް ގެންގުޅުމުގެ އިތުރުން، ވިޔަފާރިކުރާކަމުގެ ތުހުމަތުގައެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މއ. ތަރިޖެހިއާގެ، މާލެ، ޢިސްމާއީލް އަބާން ޢަބްދުﷲ (25އ) އާއި ސ. މަރަދޫ، ރަތްމާގެ، އަޙްމަދު ދާން ފަރްހޫދު (19އ) އެވެ.
މި ދެ މީހުން އަތުލައިގަނެފައިވަނީ މޯލްޑިވްސް ކަސްޓަމްސް ސަރވިސްއާއި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ގުޅިގެން މި މަހުގެ 5 ވަނަ ދުވަހު ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، މި ދެ މީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު ހަ ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ވަނީ ފެނިފައެވެ. މި ތަކެތި ރާއްޖެއަށް އެތެރެކޮށްފައިވަނީ ކަނޑުމަގުންކަން ފާހަގަކުރެވެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އެ ދެ މީހުން ވެސް ފަސް ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް މަޢުލޫމާތު ލިބެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!