ފަސް އަހަރުގެ ދައުރުގެ ތެރޭގައި އިންތިހާބުތައް މަދުކުރުމަކީ ޑިމޮކްރަސީގެ ހަމަތަކާއި އުސޫލުތަކާ ހިލާފުވުމޭ އިދިކޮޅު ފަރާތްތަކަށް ނުބުނެވޭނެ ކަމަށް ހޮޅުދޫ ދާއިރާގެ މެމްބަރު ޢަބްދުއްސައްތާރު މުޙައްމަދު ވިދާޅުވެއްޖެ އެވެ.

ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ނިންމައި އެކަމާ ގުޅިގެން ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓަކަށް ދިއުމަށް ނިންމާފައިވާ މި ދަނޑިވަޅުގައި އިދިކޮޅު ފަރާތްތަކުން އަމާޒުކުރަމުންދާ ފާޑުކިޔުންތަކަށް ރައްދު ދެއްވައި "ދިވެހީންގެރާއްޖެ" ޕްރޮގްރާމުގައި މެމްބަރު ވިދާޅުވީ މިކަމުގެ ސަބަބުން ލިބޭނެ އެންމެ ބޮޑު އެއް ފައިދާއަކީ ގައުމުގައި ސިޔާސީ ހަމަޖެހުން ގާއިމުވެގެން ދިއުން ކަމަށެވެ.

Ad
rt

ދެހާސް އަށް ވަނަ އަހަރު ރާއްޖެއަށް ޑިމޮކްރަސީ އައި ފަހުން ރާއްޖޭގެ ސިޔާސީ މަސްރަހު އަބަދުވެސް ފެންނަނީ ވަރަށް ހަލަބޮލިކޮށް ކަމަށާއި އެކަން އެހެން ވަނީ އިންތިހާބުތައް ގިނަވުމުގެ ސަބަބުން ކަމަށެވެ.

"އިންތިހާބުތައް ގިނަވީމަ އެ އުފެދޭ ޖަޒުބާތުގެ ތެެރެއިން ރައްޔިތުން އެކަކު އަނެކަކަށް އެއްޗެހި ގޮވައި، ގަޔަށް އަތް ފޯރުވާ ހިސާބަށް ގޮސް އޭގެ ސަބަބުން ޖިނާއީ މައްސަލަތައް އުފެދި. މިހިސާބަށް ކަންކަން ގޮސްފައި އޮތީ. އެހެންވީމަ އިންތިހާބުތައް އެބަ ޖެހޭ މަދުކުރަން. އިންތިހާބު މަދުވުމާ ގިނަވުމަކީ އެއީ ޑިމޮކްރަސީގެ ހަމަތަކާއި އުސޫލުތަކާ ހިލާފު ވުމޭ ބުނެވޭނެ ޖާގައެއް ނޯންނާނެ. އިދިކޮޅު ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި އިންތިހާބު ބޯމަތިވީމަ ރައްޔިތުންގެ ގާތަށް ދިޔައީމަ ރައްޔިތުން ބޭނުންވާ ކަންކަން މި ކޮށްދެނީ. އެއީ ނިޒާމު ދަންނަ ކަމެއް ނޫން." މެމްބަރު ވިދާޅުވި އެވެ.

ރައްޔިތުން ބޭނުންވާ ތަރައްގީ ހޯދައިދޭންޖެހޭނީ އިންތިހާބުތައް ބޯމަތިވީމަ އެކަނި ނޫން ކަމަށާއި ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވި ނަމަވެސް ސަރުކާރުގެ ޕްލޭންތަކެއް ހުރިނަމަ ކަންކަން ދާނީ ރަނގަޅަށް ކަމަށާއި ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުގެ ސަބަބުން އިސްރާފު ކުޑަކުރެވި، ގައުމަށް ހަމަޖެހުން އަންނާނެ ކަމަށް މެމްބަރު ވިދާޅުވި އެވެ.