މެދުއިރުމަތީގައި ހިނގަމުން އަންނަ ހަނގުރާމަ އާއި ގުޅިގެން ރާއްޖެއަށް ތެލާއި ކާބޯތަކެތި ނުލިބިދާނޭކަމުގެ ބިރުވެރިކަމެއް ނެތް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ، މިއަހަރުގެ ރިޔާސީ ބަޔާނުގައި ވިދާޅުވެފައިވާ ގޮތުގެ މަތިން އެމަނިކުފާނު ބޭއްވެވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ރައީސް ވިދާޅުވީ މެދުއިރުމަތީގެ ހާލަތާއި ގުޅިގެން ރާއްޖެއަށް ކޮށްފާނޭ އަސަރުތައް ކުޑަކުރުމަށް ސަރުކާރުން މަސައްކަތް ފައްޓަވާފައިވާ ކަމަށެވެ. މިކަމަށްޓަކައި ވަޒީރުންގެ ޚާއްޞަ ކޮމިޓީއެއް އެކުލަވާލައްވާފައިވާ ކަމަށާއި، އެ ކޮމިޓީން މެދުއިރުމަތީގެ ޤައުމުތަކުގައި ދިރިއުޅޭ ދިވެހިންގެ ޙާލަތު ގާތުން ބަލަމުންދާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"މިހާތަނަށް، ދިވެއްސެއްގެ ސަލާމަތާ ގުޅުންހުރި އެއްވެސް ކަންބޮޑުވުމެއް ނެތް،" ރައީސް ވިދާޅުވިއެވެ.
ނަމަވެސް މަސްރަޙު އިތުރަށް ގޯސްވެ، ދިވެހިން އިވެކުއޭޓް ކުރަން ޖެހިއްޖެ ޙާލަތަކަށްވެސް ސަރުކާރުން ތައްޔާރުވަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން މެދުއިރުމަތީގެ ވައިގެ ސަރަޙައްދުތައް ބަންދުކުރުމުގެ ސަބަބުން ދަތުރުފަތުރަށް ދިމާވެފައިވާ ދަތިތަކަށް ޙައްލެއް ހޯދުމަށް ދަތުރުތައް ރީރޫޓްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ތެލުގެ އިސްތިރާތީޖީ ރައްކާތެރިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، މިދިޔަ ފެބުރުވަރީ 28 ގައިވެސް އޮމާނުން ތެލުގެ އާ ޝިޕްމަންޓެއް ރާއްޖެއަށް ފުރާފައިވާ ކަމަށެވެ. އަދި އިތުރު ޝިޕްމަންޓެއް ހޯދުމުގެ މަސައްކަތްވެސް މިހާރު ކުރިއަށްދާ ކަމަށް އެމަނިކުފާނު ހާމަކުރެއްވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ މިވަގުތު އެންމެ މުހިންމީ ރާއްޖޭގެ ވިލުންތެރިކަން އިތުރުކުރުން ކަމަށެވެ. އެގޮތުން ފަތުރުވެރިކަން ހިމާޔަތްކުރުމަށްޓަކައި ރާއްޖެއަށް ދަތުރުކުރެވޭ މަގުތަކަށް ބަދަލުގެނެސް، ރާއްޖޭގެ އަމިއްލަ އެއަރލައިންގެ ޤާބިލިއްޔަތު އިތުރުކުރުމުގެ މަސައްކަތް ސަރުކާރުން ކުރައްވަމުން ގެންދަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!