ކުޅުދުއްފުށީ ސިޓީ ކައުންސިލުން އެ ސިޓީގައި ހިންގަމުންދާ ސަރުކާރުގެ ސްކޫލްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ދެމުން އަންނަ "ސްކޫލް ގްރާންޓް" އަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
ސިޓީ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި، މި ގްރާންޓް ދޫކުރުމުގެ މައިގަނޑު މަޤުސަދަކީ ސްކޫލްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ހަމަހަމަ އުޞޫލަކުން ޢަމަލުކުރުމާއި، ސްކޫލްތަކުން ކުރަމުންދާ މަސައްކަތްތައް ފާހަގަކޮށް އެކަންކަމަށް އެއްބާރުލުން ދިނުމެވެ.
މި ގްރާންޓަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ ކުޅުދުއްފުށި ސިޓީގައި ހިންގަމުން އަންނަ ސަރުކާރުގެ ތިން ސްކޫލަށެވެ.
މި އަހަރު ވެސް މި ޕްރޮގްރާމްގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވަނީ ޖުމްލަ 300,000 (ތިންލައްކަ) ރުފިޔާއެވެ. އެއީ ކޮންމެ ސްކޫލަކަށް 100,000 (އެއްލައްކަ) ރުފިޔާގެ މަގުންނެވެ.
މި ގްރާންޓަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑިއަކީ 15 މާރޗް 2026 ވާ އާދިއްތަ ދުވަހުގެ 13:00 އެވެ.
މި ގްރާންޓުގެ ދަށުން ޕްރޮޖެކްޓްތައް ހިންގޭނެ ދާއިރާތަކުގެ ތެރޭގައި:
ދަރިވަރުންގެ ޔުނީފޯމް ބޮޑީސްގެ ހަރަކާތްތައް ކުރިއެރުވުން.
ކުޅިވަރު މުބާރާތްތައް ބޭއްވުމާއި ކިޔަވައިދިނުމަށް ބޭނުންވާ ވަސީލަތްތައް ހޯދުން.
އަދަބީ ހަރަކާތްތައް ހިންގުން.
ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނާއި ޓީޗަރުންނަށް ބޭނުންވާ ވަސީލަތްތައް ތަރައްޤީކުރުން.
މިއީ ކުޅުދުއްފުށީ ސިޓީ ކައުންސިލުން މި އެހީ ފޯރުކޮށްދޭ ހަތަރުވަނަ އަހަރެވެ. ވޭތުވެދިޔަ ތިން އަހަރުވެސް މި ގްރާންޓްގެ ދަށުން އެ ސިޓީގެ ތިން ސްކޫލް ކަމަށްވާ ޖަލާލުއްދީން ސްކޫލާއި، އަފީފުއްދީން ސްކޫލް އަދި ހދ. އަތޮޅު ތަޢުލީމީ މަރުކަޒަށް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. ނިމިދިޔަ އަހަރުވެސް މި ތިން ސްކޫލުން ކުރި މަސައްކަތްތަކަށް ކޮންމެ ސްކޫލަކަށް އެއްލައްކަ ރުފިޔާ ދޫކޮށްފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!