ކުޅުދުއްފުށީ ސިޓީގައި މަސައްކަތްތެރިން އިތުރުކުރުމަށާއި، އަލަށް ވިޔަފާރި ފެށުމަށާއި، ކުދި ވިޔަފާރިތައް ފުޅާކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން ކުޅުދުއްފުށީ ސިޓީ ކައުންސިލުން ތަޢާރަފްކޮށްފައިވާ ފައިނޭންސިންގ ސްކީމްގެ ދެވަނަ ބުރުގެ އެއްބަސްވުންތަކުގައި މިއަދު ސޮއިކޮށްފިއެވެ.
މިއަދު ހެނދުނު 10:00 ގައި ކުޅުދުއްފުށީ ސިޓީގެ އެން.އޯ.ސީ އިމާރާތުގެ ލަގޮނޑި މާލިމީ މާލަމުގައި މިކަމަށް ބޭއްވި ރަސްމިއްޔާތުގައި، ސްކީމް ކާމިޔާބު ކުރި ފަރާތްތަކާއިއެކު ކައުންސިލްގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއިކުރެއްވީ މޭޔަރ މުޙައްމަދު ޢާޠިފް އަދި ޑެޕިއުޓީ މޭޔަރ އަޙްމަދު ޢަބްދުﷲ އެވެ.
ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ފައިނޭންސިންގ ސްކީމްގެ ދެވަނަ ބުރުގެ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި މޭޔަރާއި ކައުންސިލަރުން، ފޮޓޯ: ސިޓީ ކައުންސިލް
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މޭޔަރ މުޙައްމަދު ޢާޠިފް ވިދާޅުވީ، 2024 ވަނަ އަހަރު މި ސްކީމް ދޫކުރި ފަރާތްތަކުގެ ތެރެއިން 90 އިންސައްތަ ފަރާތްތަކުގެ ވިޔަފާރިތައް ވަރަށް ކާމިޔާބުކަމާއެކު ކުރިއަށްދާ ކަމަށެވެ. އަދި މި ސްކީމަކީ ރަށުގެ އިޤްތިޞާދުގައި ކައުންސިލުން އިންދާ އޮށެއްގެ ގޮތުގައި ސިފަކުރައްވައި، މީހުން ބިނާކުރުމަށާއި ފަތުރުވެރިކަން ތަޢާރަފްކުރުމަށް ކައުންސިލުން ކުރަމުންދާ މަސައްކަތްތަކަށް މޭޔަރ އަލިއަޅުއްވާލެއްވިއެވެ.
މި ފަހަރުގެ ސްކީމް ޖުމްލަ 15 ފަރާތަކުން ކާމިޔާބުކޮށްފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 7 އަންހެން ބޭފުޅުންނާއި 8 ފިރިހެން ބޭފުޅުންނެވެ. ސްކީމް ކާމިޔާބުކުރި ފަރާތްތަކަކީ:
- ފާތިމަތު ނިއުމާ ޢަލީ، ނިއުމާ ވިލާ
- ނަޝީދާ ޢަލީ، ދިލާސާގެ
- މުހުސިނަތު މޫމިން، ކުއްޅަވައްގެ
- އައިމިނަތު މުޙައްމަދު، ކަނޑިތޮޅިގެ
- އުއްމުހާނީ ހުސައިން، ސޯނާޒަމީން
- މާޖިދާ ގާސިމް، ޗަންޕާމާގެ
- ސިޔާމާ އިބްރާހީމް، ކަސަބުގެ
- އާދަމް މުޙައްމަދު، ކޮށީގެ
- އިމްރާން އާދަމް، ރެޑިއަމްގެ
- ޢަބްދުއްރަހްމާން ޙަސަން، މޫސުމް
- އަހްމަދު އިބްރާހީމް، މެރީސައިޑް
- އަބްދުﷲ އަބޫބަކުރު، ކިނބިމާގެ
- ހަސަން އިބްރާހީމް، އޮޕެރާ ހައުސް
- އަހްމަދު އާތިފް، މާވިނަ
- އިސްމާއީލް ޝަމްއޫން އަހްމަދު، މޯރނިންގ ބްރީޒް
މި ސްކީމުގެ ދަށުން މި ފަހަރު ޖުމްލަ 1,455,000 ރުފިޔާ ދޫކުރުމަށް ހަމަޖެހިފައިވާއިރު، ކޮންމެ ފަރާތަކަށްވެސް އެއްލައްކަ ރުފިޔާއާ ހަމައަށް ފައިސާ ދޫކުރެއެވެ. އެއްވެސް އިންޓަރެސްޓެއް އަދި އިދާރީ ފީއެއް ނުނަގާ ދޫކުރާ މި ފައިސާ އަނބުރާ ދައްކަންޖެހެނީ 3 އަހަރުގެ މުއްދަތަކަށް ބަހާލައިގެންނެވެ.
ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ފައިނޭންސިންގ ސްކީމްގެ ދެވަނަ ބުރުގެ އެއްބަސްވުންތަކުގައި ސޮއިކުރުން، ފޮޓޯ: ސިޓީ ކައުންސިލް
މި ސްކީމްގެ ދަށުން ކުރިއަށްގެންދަން ހުށަހަޅާފައިވާ މަސައްކަތްތަކުގެ ތެރޭގައި ދަނޑުވެރިކަން، ކާޕެންޓްރީ، ވެލްޑިންގ، ޓެކްސީ އެޕް، އޭސީ ސަރވިސްކުރުން، މަސް ބަންދުކުރުން، ކާބޯތަކެތީގެ ވިޔަފާރި، ބޭކަރީ، ޓިއުޝަން އަދި ޤުރުއާން ކިލާސް ހިންގުން ފަދަ ތަފާތު ދާއިރާތައް ހިމެނެއެވެ.
ސްކީމަށް ފަރާތްތައް ހޮވުމުގައި ބަލާފައިވަނީ ޕްރެޒެންޓޭޝަނަށް 70 މާކްސް އަދި އިންޓަވިއުއަށް 30 މާކްސް ދީގެންނެވެ. މާކްސް ދިނުމުގައި ވިޔަފާރީގެ ކޮންސެޕްޓަށާއި، މާލީ ގޮތުން ދެކޮޅުޖެހޭ މިންވަރަށާއި، މާކެޓް ދިރާސާއަށާއި، މަސައްކަތަށް ހުރި ޝައުޤުވެރިކަމަށް ވަނީ ބަލާފައެވެ. ޖުމްލަ 17 ފަރާތަކުން ޝަރުތު ހަމަވެގެން ކުރިމަތިލިއިރު، 50 އިންސައްތައަށްވުރެ މަތިން މާކްސް ހޯދި ހުރިހާ ފަރާތްތަކަށް ފައިސާ ދޫކުރުމަށް އިވެލުއޭޝަން ކޮމިޓީން ވަނީ ނިންމާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!