ޣައްޒާގައި ހިނގަމުންދާ ލޭއޮހޮރުވުންތައް ހުއްޓުވުމަށް ބައިނަލްއަގުވާމީ މުޖުތަމައުން ވަގުތުން ފިޔަވަޅު އެޅުމަށް ފަލަސްތީނު ސަރުކާރުން ގޮވާލައިފިއެވެ.
ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި، ފަލަސްތީނުގެ ސަރުކާރުން ވަނީ އިސްރާއީލުން ހިންގަމުންދާ ނަސްލު ނައްތާލުމުގެ ހަނގުރާމަ ހުއްޓުވުމަށާއި، ސަރަހައްދީ ހަމަނުޖެހުންތަކާއި އަނިޔާވެރިކަން އިތުރުވާ ފަދަ އަމަލުތައް ހުއްޓުވުމަށް ބައިނަލްއަގުވާމީ މުޖުތަމައުން އިސްރާއީލަށް މަޖުބޫރުކުރުވުމަށް އިލްތިމާސްކޮށްފައެވެ.
ފަލަސްތީނުގެ ރަސްމީ ނިއުސް އެޖެންސީ "ވާފާ" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ހަމަލާބަދަލުކުރުން ހުއްޓާލާފައި އޮތް ނަމަވެސް، ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި އިސްރާއީލުން ދިން ހަމަލާތަކުގައި 14 ފަލަސްތީނު ރައްޔިތުން ވަނީ ޝަހީދުކޮށްލާފައެވެ. ފަލަސްތީނުގެ އޮތޯރިޓީން ވަނީ މި އަމަލުތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް، މިއީ ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމާ ތަކުރާރުކޮށް ހިލާފުވުން ކަމުގައި ސިފަކޮށްފައެވެ.
އެމެރިކާގެ އެހީތެރިކަމާއެކު 2023 އޮކްޓޯބަރު 8 ގައި އިސްރާއީލުން ފެށި މި ބޮޑު އަސްކަރީ ހަމަލާތަކުގައި، މިހާތަނަށް 72,000 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ޝަހީދުވެ، 171,000 އަށްވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ. މި ހަމަލާތަކުގައި ޝަހީދުވި މީހުންގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންކަން ފާހަގަކުރެވެއެވެ.
އިންސާނީ ކާރިސާގެ އިތުރުން، އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން ޣައްޒާގެ އާންމު އުމްރާނީ ވަސީލަތްތަކުގެ ގާތްގަނޑަކަށް 90 އިންސައްތަ ވަނީ އެއްކޮށް ސުންނާފަތިކޮށްލާފައެވެ. މީގެ ސަބަބުން ޣައްޒާގެ ރައްޔިތުން ދިރިއުޅެމުންދަނީ ނުހަނު ދަތި ހާލަތެއްގައެވެ.
2025 އޮކްޓޯބަރު މަހު ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމަކަށް އާދެވުނު ނަމަވެސް، އިސްރާއީލުން ދަނީ އެ އެއްބަސްވުމާ ހިލާފަށް ޣައްޒާގެ އެކި ސަރަހައްދުތަކަށް ވައިގެ ހަމަލާތަކާއި ތަންތަން ސުންނާފަތިކުރުމުގެ އަމަލުތައް މެދުނުކެނޑި ހިންގަމުންނެވެ.
ފަލަސްތީނުގެ އޮތޯރިޓީން ބާރުއަޅަނީ މިފަދަ ލާއިންސާނީ އަމަލުތައް ހުއްޓުވުމަށް ބައިނަލްއަގުވާމީ މުޖުތަމައުން މިހާރަށްވުރެ ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!