ބަނގްލަދޭޝްގެ އައު ސަރުކާރު ހުވާކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެ ޤައުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެއް މިރޭ ފައްޓަވައިފިއެވެ.
މި ދަތުރުފުޅަކީ ބަނގްލަދޭޝްގެ އިންޓަރިމް ސަރުކާރުގެ ޗީފް އެޑްވައިޒަރުގެ ހާއްސަ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
ރައީސް އޮފީހުން ބުނިގޮތުގައި މި ދަތުރުފުޅުގައި ރައީސް ބަނގްލަދޭޝްގެ އައު ބޮޑުވަޒީރު ތާރިޤް ރަޙްމާނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމާ ގުޅޭގޮތުންނާއި، އެކި ދާއިރާތަކުން ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާނެކަމަށް ވެސް ބުންޏެވެ.
ރައީސް އޮފީހުން ހާމަކުރިގޮތުގައި، ރައީސްގެ މި ދަތުރުފުޅަކީ ވޭތުވެދިޔަ އަހަރުތަކުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރިކަމުގެ ގުޅުން އައު މަރުޙަލާއަކަށް ގެންގޮސްދޭނެ މުހިންމު ދަތުރުފުޅެކެވެ.
ރައީސް ބަނގްލަދޭޝްއަށް ކުރައްވާ މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މި މަހުގެ 18 ވަނަ ދުވަހުއެވެ.
ދިވެހިރާއްޖެއާއި ބަނގްލަދޭޝްއާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކުރެވުނީ 1978 ވަނަ އަހަރުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!