ބަރަކާތްތެރި ރަމަޟާން މަހުގެ އުފާވެރިކަން ފާހަގަކުރުމުގެ ގޮތުން އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނުގެ މަގުތައް ހިތްގައިމު ބައްތިތަކުން ދިއްލާލައިފިއެވެ.

މިކަމާ ގުޅިގެން ލަންޑަނުގެ މޭޔަރު ސޯދިގު ޚާން ވިދާޅުވީ، ލަންޑަނުގެ ވެސްޓް އެންޑް ސަރަހައްދުގައި ދިއްލާފައިވާ މި ބައްތިތަކުން މުޅި ސަރަހައްދު އުޖާލާވެފައިވާ ކަމަށެވެ. މިއީ މި މުގައްދަސް މަހުގެ އުފާވެރިކަން ފާހަގަކުރުމުގެ އިތުރުން، އުންމީދާއި، އެކުވެރިކަމާއި، އެއްބައިވަންތަކަމުގެ ރީތި ނަމޫނާއެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި މިއީ ތަފާތު ސަގާފަތްތަކަށް އިހުތިރާމުކުރާ، އެންމެންނަށް މަރުހަބާ ކިޔާ މުޖުތަމައެއް އޮތް ސިޓީއެއްކަން މި ހަރަކާތުން ހާމަވާ ކަމަށްވެސް މޭޔަރު ވިދާޅުވިއެވެ.

Ad
rt

މުޅިއަކު 30،000 އެލް.އީ.ޑީ ބައްތިން ވެސްޓް އެންޑް ދިއްލާލުމުން، ލަންޑަނަށް ވަނީ އާދަޔާ ހިލާފު ދިރުމެއް ލިބިފައެވެ. މިއީ ހަމައެކަނި އަލިކަމެއް ނޫން ކަމަށާއި، މިއީ ތަފާތު ސަގާފަތްތަކުގެ މީހުން ދިރިއުޅޭ މި ސިޓީގެ ހިތުގެ ވިންދާ ގުޅިފައިވާ ކަމެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

2026 ވަނަ އަހަރަކީ ކޮވެންޓްރީ ސްޓްރީޓްގައި މިގޮތަށް ބައްތި ދިއްލާތާ ހަތަރުވަނަ އަހަރެވެ. މިހާރު މިއީ ލަންޑަނުގެ އަހަރީ ހަރަކާތްތަކުގެ ތެރެއިން ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ، އެންމެން އިންތިޒާރުކުރާ މުހިންމު ހަރަކާތެކެވެ.

މި އަހަރުގެ ހާއްސަ ކަންތައްތައް:

މި ބައްތިތަކުން ކޮންމެ ރޭގަނޑެއްގެ އިރުއޮއްސި 5:00 އިން ފެށިގެން ފަތިހު 5:00 އަށް "ހެޕީ ރަމަޟާން" (ބަރަކާތްތެރި ރަމަޟާން މަހުގެ ތަހުނިޔާ) ފެންނަން ހުންނާނެއެވެ. އަދި މާރިޗު 18 ވަނަ ދުވަހުގެ ރޭ، ރަމަޟާން މަސް ނިމުމާ ގާތްވުމުން، މި މެސެޖު "ހެޕީ އީދު" (އީދުގެ ތަހުނިޔާ) އަށް ބަދަލުވެގެންދާނެއެވެ.

ބައްތިތަކުގެ އިތުރުން، "އަޒީޒް ފައުންޑޭޝަން" އިން އިސްނަގައިގެން 'ޒެޑްވެލް ޕިކަޑިލީ ސާކަސް' ގައި "ޝެއަރޑް ލައިޓް" ގެ ނަމުގައި، ތަފާތު ދީންތަކުގެ މީހުންގެ މެދުގައި އޮންނަ އެއްބައިވަންތަކަން ރަމްޒުކޮށްދޭ ފަންނީ މައުރަޒެއްވެސް ކުރިއަށްދާނެއެވެ.

މީގެ އިތުރުން، ރޯދަވީއްލަން ބޭނުންވާ ފަރާތްތަކަށް ހާއްސަކޮށް "އިފްތާރު ފުޑް ޓްރެއިލް" އަލުން ވަނީ ފަށާފައެވެ. ލެސްޓަރ ސްކޮޔަރ އިން ފެށިގެން ޕިކަޑިލީއާ ހަމައަށް ހުރި ކާބޯތަކެތީގެ ތަންތަނުން ރޯދަވީއްލުމަށް ހާއްސަ މެނޫތަކެއް ލިބެން ހުންނާނެއެވެ.

އަޒީޒް ފައުންޑޭޝަންގެ ޓްރަސްޓީ، ރަހީމާ އަޒީޒް ވިދާޅުވީ، ލަންޑަނުގެ ރަމަޟާން ބައްތިތަކަކީ ތަފާތު އަގީދާތަކާއި ފަންތީގެ މީހުން އެކަތިގަނޑަކަށް ވުމަށް ދެވޭ ހާއްސަ ދައުވަތެއް ކަމަށެވެ.

ޕިކަޑިލީ ސާކަސް އާއި ލެސްޓަރ ސްކޮޔަރ އާ ދެމެދު އޮތް މި ސަރަހައްދު، އިޖުތިމާއީ އަދި ރޫހާނީ ގުޅުން ބަދަހިކުރާ ތަނަކަށް ބަދަލުވެފައިވާއިރު، މިއީ ލަންޑަނަކީ އެންމެންނަށް ހުޅުވާލެވިފައިވާ، އުޖާލާ ސިޓީއެއްކަން ހަނދާންކޮށްދޭ މުހިންމު ރަމްޒެކެވެ.