ރަމަޟާންމަހަކީ އީމާންކަމާއި ތަޤުވާވެރިކަމުގެ މަސްކަމަށާއި، އެއީ ހެޔޮކަމާއި ބަރަކާތާއި ފާފަފުއްސެވުމުގެ މޫސުންކަން މިއަދުގެ ހުކުރު ޚުޠުބާގައި ހަނދާންކޮށްދީފިއެވެ.
"ރުއްސެވުމާއި ފުއްސެވުމުގެ މަހަށް މަރުޙަބާ!" މި މައުޟޫޢަށް ރާއްޖޭގެ އެކިކަންކޮޅުތަކުގައި އިއްވި ޚުޠުބާގައި، ރަމަޟާންމަހަށް ތައްޔާރުވުމުގެ ގޮތުން ރޯދައިގެ ޙުކުމްތައް އުނގެނުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލާފައިވެއެވެ.
ޚުޠުބާގައި ބަޔާންކޮށްފައިވާ ގޮތުގައި، ރޯދައަށް ފުރިހަމައަށް އިސްތިޤުބާލުކުރެވޭނީ ރޯދައަކީ ކޮބައިކަމާއި އޭގެ ޢާންމު ޙުކުމްތައް އެނގިގެންނެވެ. ޝަރުޢީ ގޮތުން ރޯދައަކީ ނިޔަތާއެކު ފަޖުރުލީއްސުރެ އިރުއޮއްސިއްޖައުމަށް ދާންދެން ކެއިންބުއިމާއި ރޯދަގެއްލޭ ކަންކަމުން ދުރުހެލިވުމެވެ. މީގެ އިތުރުން، ދޮގުހެދުމާއި އުރެދުމުގެ ޢަމަލުތަކުން ދުރުހެލިނުވާ މީހާއަށް ރޯދައިގެ ސަވާބުން މަޙުރޫމުވާނެކަމުގެ އިންޒާރު ކީރިތި ރަސޫލާ ﷺ ގެ ޙަދީޘްފުޅުތަކުން ޚުޠުބާގައި ދެއްވިއެވެ.
ރޯދައިގެ މަތިވެރިކަމާ ގުޅޭގޮތުން ޚުޠުބާގައި ބުނީ، ރޯދައަކީ އަޅާއާއި މާތް الله އާ ދެމެދު އޮންނަ ސިއްރު އަޅުކަމެއް ކަމަށެވެ. އިޚުލާޞްތެރިކަމާއެކު ރޯދަހިފާ މީހާގެ އިސްވެދިޔަ ފާފަތައް ފުއްސަވާނެކަމުގެ އުފާވެރި ޚަބަރު ދީފައިވެއެވެ.
ރޯދައިގެ ބައެއް ޚާއްޞަ ޙުކުމްތަކަށް ބަލާއިރު، ދަތުރުވެރިންނާއި ބަލިމީހުންނަށް ރޯދަ ދޫކޮށްލުމުގެ އިޚުތިޔާރު އޮތް ނަމަވެސް، ފަހުން އެ ރޯދަ ޤަޟާކުރަންޖެހޭނެއެވެ. ދާއިމީ ބަލިމީހުންނާއި މުސްކުޅިބަލީގެ މީހުން ކޮންމެ ދުވަހަކަށް މިސްކީނަކަށް ކާންދޭންޖެހޭނެއެވެ. އަދި ހަށިގަނޑަށް ހަކަތަ ލިއްބައިދޭ އިންޖެކްޝަން ޖެހުމާއި ޑަޔަލިސިސް ހެދުމުން ރޯދަ ގެއްލޭނެކަން ވެސް ޚުޠުބާގައި ފާހަގަކުރިއެވެ.
އާއިލީ ދިރިއުޅުމުގެ މައްޗަށް އަލިއަޅުވާލަމުން ޚުޠުބާގައި ބުނީ، ރޯދަމަހު ގޭތެރޭގެ މަސައްކަތްތަކުގައި އެކަކު އަނެކަކަށް އެހީތެރިވުމަކީ ދީނުގައި ބާރުއަޅާ ކަމެއް ކަމަށެވެ. ވަކި ބަޔަކަށް މަސައްކަތްތައް ދޫކޮށްލުމަކީ ދީނުގައި އޮތް ގޮތެއް ނޫންކަމަށް ވެސް ބުންޏެވެ.
މީގެ އިތުރުން، މީހުން ދިރިއުޅޭ ރަށްރަށުގައި ރަމަޟާންމަހުގެ ޙުރުމަތް ހިފެހެއްޓުމަށް ޚުޠުބާގައި އިލްތިމާސްކުރިއެވެ. ވަކީން ޚާއްޞަކޮށް، ފަތުރުވެރިންނަށް ޚިދުމަތްދޭ ފަރާތްތަކުން އާންމުންގެ ކުރިމަތީގައި ކެއިންބުއިމުގެ ޚިދުމަތް ނުދިނުމަށާއި، ޝަރުޢީ ޢުޒުރުވެރިން ވެސް ރޯދަމަހުގެ ޙުރުމަތަށް އިޙުތިރާމުކުރުމަށް މިއަދުގެ ޚުޠުބާގައި ނަޞޭޙަތްތެރިވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!