ބެލްޖިއަމްގެ ތާރީޚީ ރަށެއް ކަމަށްވާ ގެންޓުގައި، ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހުގެ މުނާސަބަތުގައި ފުރަތަމަ ފަހަރަށް މަގުތައް ޚާއްޞަ ލައިޓްތަކުން ދިއްލާލުމަށް ނިންމައިފިއެވެ.

މިއީ މުސްލިމުންގެ މިފަދަ ކަމަކާއި ގުޅިގެން ބެލްޖިއަމްގެ މުނިސިޕަލްޓީއަކުން ރަސްމީގޮތުން ބަލައިގަނެގެން، މިފަދަ ބޮޑު މިންވަރަކަށް މަގުތައް ޒީނަތްތެރިކުރާ ފުރަތަމަ ފަހަރު ކަމަށް މިކަން އިންތިޒާމުކުރާ ފަރާތްތަކުން ބުނެއެވެ.

Ad
rt

ސިޓީ ކައުންސިލްގެ ހުއްދައާއެކު ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން، ގޭންޓުގެ އެންމެ ގިނަ ބަޔަކު ދިރިއުޅޭ އަދި ވިޔަފާރީގެ ގޮތުން ހަރަކާތްތެރި ދެ ސަރަޙައްދެއް ދިއްލާލުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ބްރޫގްސް ޕޯޓް (ޚާއްޞަކޮށް ބެވްރިޖިންގްސްލާން އަދި ފީނިކްސްސްޓްރީޓް) އަދި ރަބޮޓް ޑިސްޓްރިކްޓް (ވޮންޑެލްގެމްސްޓްރީޓް) އެވެ. މި ބައްތިތައް މުޅި ރަމަޟާން މަހުގެ ނިޔަލަށް ދިއްލާފައި ހުންނާނެއެވެ.

އެސޯސިއޭޝަން އޮފް ގެންޓް މޮސްކްސް (ވީޖީއެމް)ގެ މުޙައްމަދު ޢަބްދުލް މުއްތަލިބު ޢުމަރު ފާހަގަކުރެއްވި ގޮތުގައި، މި ބައްތިތައް ފަރުމާކޮށްފައިވަނީ އިރުމަތީގެ "އޮރިއެންޓަލް" ފަރުމާތަކަށެވެ. މީގެ ބޭނުމަކީ ކްރިސްމަސް ދުވަސްވަރު ސިޓީތައް ޒީނަތްތެރިކުރާ ފަދަ ފުރިހަމަކަމަކާއެކު، ރަމަޟާން މަހުގެ އުފާވެރިކަން ރަމްޒުކޮށްދިނުމެވެ. މި މަސައްކަތަށް ގެންޓް ސިޓީން ހަވާލުކޮށްފައިވަނީ ލަންޑަންގެ މަޝްހޫރު ރަމަޟާން ބައްތިތައް ފަރުމާކުރި ކުންފުންޏާއެވެ.

މި މަޝްރޫޢަކީ ގާތްގަނޑަކަށް 100 އަށްވުރެ ގިނަ ވިޔަފާރިވެރިންގެ އެއްބާރުލުމާއެކު ކުރިއަށްގެންދާ ކަމެކެވެ. މި މަސައްކަތަށް ބޭނުންވާ ތަކެއްޗާއި އިންސްޓޯލް ކުރުމުގެ ހުރިހާ ޚަރަދެއް ބަލަހައްޓަނީ އެސޯސިއޭޝަން އޮފް ގެންޓް މޮސްކްސް (ވީޖީއެމް) އިންނެވެ. ސިޓީ ކައުންސިލުން ފޯރުކޮށްދީފައިވަނީ ބޭނުންވާ ހުއްދަތަކާއި ލޮޖިސްޓިކް އެހީތެރިކަމެވެ.

މީގެ ކުރިން ބްރަސަލްސް ފަދަ ސިޓީތަކުގައި އަމިއްލަ ފަރާތްތަކުން ކުދިކުދި ދިއްލުންތައް ބޭނުންކޮށްފައިވީ ނަމަވެސް، މިއީ ސަރުކާރުގެ ފުރިހަމަ ތާއީދާއެކު މިފަދަ ފުޅާ ދާއިރާއެއްގައި ބެލްޖިއަމްގައި މިކަން ކުރާ ފުރަތަމަ ފަހަރެވެ. މި ނިންމުމާއެކު، ލަންޑަން، ކޯލޯން އަދި އެމްސްޓަޑަމް ފަދަ ވިލާތުގެ ބޮޑެތި ސިޓީތަކުގެ ސަފަށް ގެންޓް ސިޓީ މިވަނީ އަރާފައެވެ.

2026 ވަނަ އަހަރުގެ ފެބްރުއަރީ 18 ހާއިރު ފެށޭނެ ކަމަށް ބެލެވޭ ރަމަޟާން މަހަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ އެކުވެރިކަން އާލާކުރުމާއި ސިޓީގައިވާ ތަފާތު ސަގާފަތްތައް ފާހަގަކުރުން ކަމަށް އިންތިޒާމުކުރާ ފަރާތްތަކުން މަޢުލޫމާތުދެއެވެ.