މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، ރައްޔިތުން އެކަމަށް ހޭލުންތެރިކުރުވުމަށް ފުލުހުން ކުރިއަށް ގެންދާ "ރައްކާ ރޯޑް ޝޯ" ގެ ހަރަކާތްތައް ހއ. އަތޮޅާއި ހދ. އަތޮޅުގައި ފަށައިފިއެވެ.
މި ފެބުރުވަރީ މަހުގެ 7 އިން 12 އަށް ކުރިއަށްދާ މި ޕްރޮގްރާމަކީ ރޯޑް ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަނާއި އަޕަރ ނޯތު ޕޮލިސް ގުޅިގެން ހިންގާ ހަރަކާތެކެވެ.
މި ހަރަކާތްތަކުގެ ތެރެއިން ހއ. އަދި ހދ. އަތޮޅުގެ ފަސް ސުކޫލެއްގެ ދަރިވަރުންނަށް އަމާޒުކޮށްގެން ޓްރެފިކް މޮނީޓާސް ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ. އޭގެ ތެރޭގައި ކުޅުދުއްފުށި ސިޓީގެ ޖަލާލުއްދީން ސުކޫލް، ހދ. އަތޮޅު ތައުލީމީ މަރުކަޒު، އަފީފުއްދީން ސުކޫލްގެ އިތުރުން ހއ. އިހަވަންދޫ ސުކޫލާއި ހއ. އަތޮޅު މަދަރުސާ ހިމެނެއެވެ. މި ޕްރޮގްރާމްގައި ޖުމްލަ 154 ދަރިވަރުން ބައިވެރިވެއެވެ.
ދަރިވަރުންނަށް ޓްރެފިކް ބެލެހެއްޓުމުގެ ތަމްރީނު
ޓްރެފިކް މޮނީޓާސް ޕްރޮގްރާމްގެ ދަށުން ދަރިވަރުންނަށް ސުކޫލު ސަރަހައްދުގެ ޓްރެފިކް ބެލެހެއްޓުމުގެ އަމަލީ ތަމްރީނުތައް ދެވޭނެއެވެ. މީގެ މައިގަނޑު މަގުސަދަކީ އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކަށް ދަރިވަރުން އަހުލުވެރިކުރުވައި، މަގުމަތީގެ ސަލާމަތަށް އިސްކަންދޭ ޖީލެއް ބިނާކުރުމެވެ. މީގެ އިތުރުން ސެލްފް ޑިފެންސް ކުލާސްތަކާއި، ޓީމް ބިލްޑިންގ ހަރަކާތްތަކުގެ އިތުރުން ރިވެތި ބަހުން މުއާމަލާތުކުރުމުގެ ހުނަރުތައް ވެސް ދަރިވަރުންނަށް ދަސްކޮށްދެވޭނެއެވެ.
މި ޝޯގެ ތެރެއިން ހަމައެކަނި ދަރިވަރުންނަކަށް ނޫނެވެ. ބެލެނިވެރިންނާއި ޓެކްސީ ޑްރައިވަރުންނަށް ވެސް ހާއްސަ މައުލޫމާތު ދިނުމުގެ ސެޝަންތައް ކުރިއަށް ގެންދާނެއެވެ. މި ސެޝަންތަކުގައި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ މުހިންމު މައުލޫމާތުތަކާއި، ގާނޫނީ ގޮތުން ސަމާލުކަން ދޭންޖެހޭ ކަންކަން ހިއްސާކުރެވޭނެއެވެ.
"ފަހިރާސްތާ" ޕްރޮގްރާމް ކުޅުދުއްފުށީގައި
ރައްކާ ޕްރޮގްރާމުގެ ބައެއްގެ ގޮތުގައި "ފަހިރާސްތާ" ޕްރޮގްރާމް މިހާރު ވަނީ ކުޅުދުއްފުށި ސިޓީގައި ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތުގެ ދަށުން ފުލުހުން ވަނީ ރަށުގެ އެކި ސަރަހައްދުތަކުން ރައްޔިތުންނާ ބައްދަލުކޮށް، މަގުމަތީގެ ސަލާމަތާ ގުޅޭގޮތުން ހޭލުންތެރިކުރުވުމުގެ މަސައްކަތް ކޮށްފައެވެ.
ރައްކާ ރޯޑް ޝޯއަކީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ގާއިމުކުރުމަށްޓަކައި ސުކޫލުތަކުގެ ދަރިވަރުންނާއި އާންމު ރައްޔިތުން ހޭލުންތެރިކުރުވުމަށް ސިލްސިލާކޮށް ހިންގަމުންދާ މުހިންމު ޕްރޮގްރާމެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!