ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގެ އަރިމަތީގައި އޮންނަ ތަރްލައި ސަރަޙައްދުގެ މިސްކިތެއްގައި ހުކުރު ދުވަހު ބާރުގަދަ ބޮމެއް ގޮއްވާލުމުގެ ސަބަބުން، މަދުވެގެން 31 މީހުން މަރުވެ، 130 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށް އެ ޤައުމުގެ ކަމާބެހޭ އިދާރާތަކުން ހާމަކޮށްފިއެވެ.

ބައިނަލްއަޤްވާމީ މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި، އިސްލާމްއާބާދުގެ ފުލުހުން މަޢުލޫމާތު ދީފައިވަނީ މިސްކިތުގެ ތެރޭގައި ދީފައިވާ މި ހަމަލާއަކީ އަމިއްލައަށް މަރުވެގެން ދީފައިވާ ޓެރަރިސްޓް ހަމަލާއެއް ކަމަށެވެ.

Ad
rt

ފުލުހުންގެ އިސް އޮފިޝަލަކު ނަން ހާމަނުކުރުމަށް އެދި އޭ.އެފް.ޕީ އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، ހާދިސާގައި މަރުވި މީހުންގެ އަދަދު މިއަށްވުރެ އިތުރުވުން އެކަށީގެންވާ ކަމަށެވެ. އަދި މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން މިހާރު ދަނީ ތަޙުޤީޤު ކުރަމުންނެވެ.

"ޕާކިސްތާން އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް" (ޕީއައިއެމްއެސް) ހޮސްޕިޓަލް ސަރަޙައްދުގައި ތިބި ނޫސްވެރިންނަށް ފެނުނު ގޮތުގައި، ޒަޚަމްވި ގިނަ އަދަދެއްގެ މީހުން އެކި އުޅަނދުތަކުގައި ހޮސްޕިޓަލަށް ގެންދިއުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މީޑިއާތަކުން ދައުރުވާ މަންޒަރުތަކުން ފެންނަ ގޮތުގައި، އާންމުންނާއި ފުލުހުން ގުޅިގެން ދަނީ ޒަޚަމްވި މީހުންނަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

މި ހިތާމަވެރި ހާދިސާއާ ގުޅިގެން ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވަނީ ނުހަނު ބޮޑަށް ހިތާމަފާޅުކުރައްވައި، މި ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ. ޕާލިމަންޓަރީ އެފެއާޒް މިނިސްޓަރު ތާރިޤް ފަޒަލް ޗައުދަރީ ވެސް ވަނީ މިއީ "ފިނޑި" އަމަލެއްގެ ގޮތުގައި ސިފަކުރައްވައި، އެކްސް މެދުވެރިކޮށް ހަމަލާ ކުށްވެރިކުރައްވާފައެވެ. އޭނާ ވަނީ މަރުވި މީހުންގެ އާއިލާތަކަށް ތަޢުޒިޔާ ފޮނުއްވައި، ޒަޚަމްވި މީހުންނަށް އަވަސް ޝިފާއަކަށް އެދި ދުޢާކުރައްވާފައެވެ.

މިނިސްޓަރު އިތުރަށް ބަޔާންކުރެއްވި ގޮތުގައި، މިފަދަ ޓެރަރިސްޓް އަމަލުތަކުން ޤައުމުގެ އަޒުމެއް ނުގުޑުވާލެވޭނެއެވެ. އަދި މި ދަނޑިވަޅަކީ ސުލްހަ މަސަލަސްކަމާއި، ކެތްތެރިކަމާއި، ހަމަޖެހުމަށްޓަކައި އެންމެން އެކަތިގަނޑަކަށް ވާންވީ ވަގުތު ކަމަށާއި، ސަލާމަތީ ބާރުތަކާއެކު ސާބިތުވެ ތިބުމަށް އޭނާ ގޮވާލެއްވިއެވެ.

މީގެ އިތުރުން ޕާކިސްތާނުގެ ދާޚިލީ ވަޒީރު މުޙުސިން ނަޤްވީ ވެސް ވަނީ މި ހަމަލާ ކުށްވެރިކުރައްވައި، ޒަޚަމްވި މީހުންނަށް އެންމެ ފުރިހަމަ ބޭސްފަރުވާގެ ޚިދުމަތް ފޯރުކޮށްދިނުމަށް ކަމާބެހޭ އިދާރާތަކަށް އަމުރުކުރައްވާފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މީގެ ކުރިން ނޮވެމްބަރު މަހު ވެސް އިސްލާމްއާބާދުގެ ކޯޓެއްގެ ބޭރުގައި ދިން އަމިއްލައަށް މަރުވުމުގެ ހަމަލާއެއްގައި 12 މީހުން މަރުވެފައިވެއެވެ. މި ފަހަރުގެ ހަމަލާ މި ދިނީ ބަލޮޗިސްތާން ޕްރޮވިންސްގައި "ބަލޮޗް ލިބަރޭޝަން އާމީ" އިން ދިން ހަމަލާތަކެއްގައި 50 އެއްހާ މީހުން މަރުވިތާ ހަފްތާއެއްހާ ދުވަސް ފަހުންނެވެ. އެ ހަމަލާތަކަށް ރައްދުދީ ސަލާމަތީ ބާރުތަކުން ހިންގި އޮޕަރޭޝަންތަކުގައި 200 އަށްވުރެ ގިނަ ޓެރަރިސްޓުން މަރާލާފައިވާ ކަމަށް އެ ޤައުމުގެ އަސްކަރިއްޔާއިން ބުނެއެވެ.