ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ކީމޯތެރަޕީގެ ހިދުމަތް ފެށުމަކީ ރާއްޖޭގެ ސިއްހީ ދާއިރާއިން ހޯދި ފާހަގަކޮށްލެވޭ ކުރިއެރުމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ބައިނަލައަގުވާމީގޮތުން ފާހަގަކުރާ ކެންސަރު ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.
ދުނިޔޭގެ ކެންސަރު ބަލީގެ ދުވަސް ފާހަގަކުރާއިރު، މި ބައްޔާ ހަނގުރާމަކުރަމުންދާ ފަރާތްތަކާއި ބަލިން ފަސޭހަވެފައިވާ ފަރާތްތަކުގެ ހިތްވަރުގަދަކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ. ރައީސް ވިދާޅުވީ ކޮންމެ އަހަރަކުވެސް މި ބަލީގައި ގިނަ ބަޔަކު ދުނިޔެ ދޫކުރަމުންދާ ދިއުމަކީ، ބަލިން ރައްކާތެރިވުމަށާއި، ހޭލުންތެރިކަން އިތުރުކުރުމުގެ އިތުރުން ބަލިމީހުންނަށް އެހީތެރިވުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ހަނދާންކޮށްދޭ ކަމެއް ކަމަށެވެ.
މި ބައްޔަށް ފަރުވާދިނުމަށް ގައުމީ ފެންވަރުގައި ކުރެވޭ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، "އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ކީމޯތެރަޕީގެ ހިދުމަތް ފެށުމަކީ ފާހަގަކޮށްލެވޭ ކުރިއެރުމެއް" ކަމަށެވެ. މީގެ ސަބަބުން މާލެއިން ބޭރުގައި ދިރިއުޅޭ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބި، ނަފްސާނީ އަދި މާލީ ގޮތުން އުފުލަންޖެހޭ ބުރަ ވަރަށް ބޮޑަށް ލުއިވެގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ސިއްހީ ދާއިރާގެ މުވައްޒަފުންނާއި، މަދަނީ ޖަމިއްޔާތަކުން ބަލިމީހުންނަށާއި އެމީހުންގެ އާއިލާތަކަށް ފޯރުކޮށްދޭ އެހީތެރިކަމާއި، ދެއްވާ އުންމީދާއި ހިތްވަރު ރައީސް ވަނީ އިހުލާސްތެރިކަމާއެކު ބަލައިގަންނަވާފައެވެ.
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ކީމޯތެރަޕީގެ ޚިދުމަތް ސަރުކާރުން ފަށާފައިވަނީ މިދިޔަ ޖެނުއަރީ މަހުގައެވެ. މިއީ މާލެއިން ބޭރުން ރާއްޖޭގައި ކީމޯ ތެރަޕީގެ ޚިދުމަތް ފެށި 4 ވަނަ ހޮސްޕިޓަލެވެ. އާސަންދައިގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ރާއްޖޭގައި އެންމެ ގިނަ މީހުން ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާން އެދޭ ދާއިމީ އެންމެ ބޮޑު ބައްޔަކީ ކެންސަރު ބައްޔެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!