ތިލަފުށީ ވެމްކޯ ސައިޓުގައި މަސައްކަތް ކުރަމުން ދިޔަ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަމީން މިއާ ގެއްލިގެން ހޯދަމުން ދަނިކޮށް މަރުވެފައި އޮއްވާ ފެނުނު މައްސަލައިގެ ތަހުގީގަށް ލިބިފައިވާ ފަހުގެ މައުލޫމާތު ފުލުހުން ހާމަކޮށްފިއެވެ.
ފުލުހުން މިއަދު ބުނި ގޮތުގައި އަމީން މިއާ މަރުވުމަށް މެދުވެރިވީ އެކްސްކެވޭޓަރަކުން ކުނި ނެގުމުގެ ތެރޭގައި ހިނގި ހާދިސާއެއްގައިކަން މިހާތަނަށް ތަހްގީގަށް ވަނީ ހޯދިފައެވެ.
މި ހާދިސާ ހިނގާފައިވަނީ 26 ޖެނުއަރީ 2026 ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައެވެ. ފުލުހުންގެ ތަހުގީގުން އެނގިފައިވާ ގޮތުގައި، ކުނި ޖަމާކޮށްފައިވާ ސައިޓުގެ ބައެއްގައި އެކްސްކެވޭޓަރަކުން ކުނި ނެގުމުގެ މަސައްކަތް ކުރަނިކޮށް، އޭގެ ދަތްގަނޑުން ޖެހި އަމީން މިއާ ވަނީ ވެއްޓިފައެވެ. އަދި އެކްސްކެވޭޓަރުން ކުނިތައް އެހެން ދިމާލަކަށް ބަދަލުކުރުމުގެ ތެރޭގައި، އޭނާގެ ހަށިގަނޑާއެކު ކުނިތައް ބަދަލުކުރެވި، ހަށިގަނޑުގެ މައްޗަށް ކުނިތައް އެޅިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ހާދިސާ ހިނގި ސަރަހައްދުގެ ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި، އެކްސްކެވޭޓަރުގެ ދަތްގަނޑުން އަމީން މިއާގެ ގައިގައި ޖެހުނު ނަމަވެސް، އެކަން ފާހަގަނުވެ މަސައްކަތް މެދުކެނޑުމެއް ނެތި ކުރިއަށް ގެންގޮސްފައިވެއެވެ. މި މައްސަލައާ ގުޅިގެން އެކްސްކެވޭޓަރު އޮޕަރޭޓް ކުރަން އިން 32 އަހަރުގެ ސްރީލަންކާ ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން މިހާރު ވަނީ ހައްޔަރުކޮށްފައެވެ.
ފުލުހުން އިތުރަށް ބުނީ މި މައްސަލައިގެ ތަހުގީގަށް ކުރިއެރުން ލިބެމުންދާ މިންވަރަކުން، ހާމަކުރެވެން ހުރި މައުލޫމާތުތައް ހާމަކުރަމުންދާނެ ކަމަށެވެ. އަދި މިފަދަ ހާދިސާތަކުގެ މައުލޫމާތު ފަތުރާއިރު ރަސްމީ އިދާރާތަކުން ހާމަކުރާ ތަހުގީގީ ހޯދުންތަކަށް އިސްކަންދިނުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
މީގެ އިތުރުން، އާންމުންގެ މެދުގައި ކުށްހީ އުފެދޭ ފަދަ ނުވަތަ ތަހުގީގަށް ހުރަސްއެޅިދާނެ ފަދަ ގޮތްގޮތަށް މައުލޫމާތު ނުފެތުރުމަށްވެސް ފުލުހުން ވަނީ އާންމުންގެ ކިބައިން އެދިފައެވެ.
އަމީން މިއާ ގެއްލިގެން އުޅޭކަމުގެ ރިޕޯޓު ފުލުހުންނަށް ހުށަހަޅާފައިވަނީ މި މަހުގެ 28 ވީ ބުދަ ދުވަހުއެވެ. އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، މަރުވެފައި އޮއްވާ ފެނުނުކަން ފުލުހުން ހާމަކޮށްފައިވަނީ ރޭގެ ވަގުތެއްގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!