ރާއްޖޭގެ ފުރަތަމަ ޑިވަލޮޕްމެންޓް ބޭންކް، ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް (ޑީބީއެމް) އިން ބޭންކިންގ ވިޔަފާރި ފެށުމަށްޓަކައި ބޭނުންވާ ހުއްދަ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދޫކޮށްފިއެވެ.
އެ އޮތޯރިޓީން ހާމަކޮށްފައިވާ ގޮތުގައި މި ހުއްދަ ދޫކޮށްފައިވަނީ 29 ޖަނަވަރީ 2026 އިން ފެށިގެން އަމަލުކުރާ ގޮތަށެވެ.
ދިވެހިރާއްޖޭގައި ޑިވެލޮޕްމަންޓް ބޭންކެއް ހުޅުވުމަށް ބޭނުންވާ ބޭންކިންގ ލައިސަންސް އެމްއެމްއޭ އިން ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑަށް ދޫކޮށްފައިވަނީ 13 އޮކްޓޫބަރު 2024 ގައެވެ.
މި ބޭންކުގެ ޚިދުމަތްތައް ފެށުމުން، ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކަށް ބޭނުންވާ ދިގުމުއްދަތުގެ މާލީ އެހީތެރިކަން ހޯދުމަށް މަގުފަހިވެގެންދާނެއެވެ. މިއީ ރާއްޖޭގެ އިޤްތިޞާދު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް ލިބިގެންދާނެ ވަރަށް ބޮޑު އެހީތެރިކަމެއް ކަމަށް މަރުކަޒީ ބޭންކުން ޤަބޫލުކުރެއެވެ.
މީގެ އިތުރުން، މިއީ ދިވެހިރާއްޖޭގެ މާލީ ދާއިރާ ފުޅާކޮށް ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތްތަކަށް ލިބުނު މުހިންމު ކުރިއެރުމެއް ކަމުގައި އެމްއެމްއޭ އިން ވަނީ ފާހަގަކޮށްފައެވެ. މި ބޭންކާއެކު ރާއްޖޭގެ މާލީ ނިޒާމަށް އާ އިންވެސްޓްމަންޓްތަކާއި ފުރުޞަތުތައް ތަޢާރަފުވެގެންދާނެ ކަމަށް ބެލެވެއެވެ.
ދިވެހި ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އެކުލެވިގެންވާ ކުންފުންޏެއްގެ ގޮތުގައި ރައީސް، ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑްގެ ނަމުގައި މި ބޭންކް އުފެއްދެވީ 16 މެއި 2024 ގައެވެ. އަދި މި ބެންކް ހުޅުއްވައިދެއްވީ 17 ނޮވެމްބަރު 2024 ގައެވެ.
މި ބޭންކަކީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދެމެހެއްޓެނިވި އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް އިންވެސްޓުކުރުމާއި، ޢުމްރާނީ ތަރައްޤީއަށް ބޭނުންވާ ފައިސާ ހޯދުމާއި، ސިންޑިކޭޝަން ފައިނޭންސް މެދުވެރިކޮށް ޕީ.އެސް.އައި.ޕީ މަޝްރޫޢުތަކަށް ފައިސާ ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތައް ޙައްލުކުރުމާއި، ދިވެހިރާއްޖޭގެ ބޭންކިންގ ނިޒާމުގައި ބޭރު ފައިސާ ބެހެއްޓުމުގެ ޝައުޤުވެރިކަން އިތުރުކުރުމުގެ ބޭނުމުގައި އުފެއްދެވި ބޭންކެކެވެ.
މި ބޭންކްގެ ޚިދުމަތް ފެށުމުން، އިޤްތިޞާދީ އަދި މާލީ ކުރިއެރުމަށް ބޭނުންވާ ދިގު މުއްދަތުގެ ފައިނޭންސިންގެ ޚިދުމަތް ދިވެހިރާއްޖޭގައި ތަޢާރަފު ވެގެންދާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!