ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހުޅުމާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ.

މި ޖަނަވަރީ މަހުގެ 26 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނަކީ ފުލުހުން ކުރިއަށްގެންދާ "އޮޕަރޭޝަން އަލިމަގު" ގެ ދަށުން ހިންގި އޮޕަރޭޝަނެކެވެ.

Ad
rt

މި އޮޕަރޭޝަން ހިންގާފައިވަނީ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެންނެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހމ. ސިފްކޯހިޔާ 0801 ބީ / މާލެ، އިބްރާހީމް ޢަމްރު ތައުފީޤު (22އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެންނެވެ.

ފުލުހުން މައުލޫމާތު ދެއްވާ ގޮތުގައި އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ 500 ގުރާމް ގެ ތަކެތި ވަނީ ފެނިފައެވެ. މިއީ މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހޯދުނު ކާމިޔާބީއެކެވެ.

މި މައްސަލައާ ގުޅިގެން އިބްރާހީމް ޢަމްރު ތައުފީޤުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އޭނާ ފަސްދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ފުލުހުން މިހާރު ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.