ފުރަތަމަ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ތަށި ކާމިޔާބުކޮށް ރާއްޖެއަށް ރީތި ނަން ހޯދައިދިން ޤައުމީ ފުޓްސަލް ޓީމަށް، އެތައް ދިވެހި ރައްޔިތުންނެއް ނުކުމެ ހޫނު މަރުޙަބާއެއް ކިޔައިފިއެވެ.
މި ތާރީޚީ ކާމިޔާބީއާއެކު އެނބުރި ރާއްޖެ އައި ޓީމަށް މަރުޙަބާ ކިޔުމަށް ގިނަ އަދަދެއްގެ ބަޔަކު ވަނީ އެއްވެފައެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ޓީމަށް މަރުޙަބާ ދެންނެވީ ކުޅިވަރާ ބެހޭ ވަޒީރާއި، އެފްއޭއެމްގެ ރައީސްގެ އިތުރުން ކުޅިވަރު ދާއިރާގެ އިސްވެރިންނެވެ.
ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން ރާއްޖެ އައުމާއެކު، އެއާޕޯޓުން ފެށިގެން މާލެއާ ހަމައަށް އޮތީ އުފާވެރިކަމުގެ މާހައުލެކެވެ.
ގައުމީ ފުޓްސަލް ޓީމަށް ތަށި ހޯދައިދިން ޓީމުގައި ހިމެނޭ ނައިވާދޫގެ ޝާއްޕެ އާއި އައްމަޑޭ އަދި ކީޕަރު ނާޖިހްގެ ފުޓޯ އާއިއެކު ނައިވާދޫ ސަޕޯޓަރުން ޓީމަށް މަރުހަބާ ކިޔަނީ، ފޮޓޯ: ޕީއެސްއެމް
ޓީމުގެ ކާމިޔާބީ ފާހަގަކުރުމަށް މާލޭގެ ބޮޑެތި މަގުތަކުގައި ޚާއްސަ ޕެރޭޑެއް ބާއްވާފައިވެއެވެ. މި ޕެރޭޑަށްފަހު، އާޓިފިޝަލް ބީޗުގައި ޚާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ. އާޓިފިޝަލް ބީޗުގައި އާންމުންނަށް ޓްރޮފީއާއެކު ފޮޓޯ ނެގުމުގެ ފުރުސަތު ހުޅުވާލައި، މި ބޮޑު ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން ރޭގަނޑު ވަނީ ކުލަގަދަ ހަވާ އެރުވުމުގެ ހަރަކާތެއްވެސް ބާއްވާފައެވެ.
ރާއްޖެއިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، މުޅި މުބާރާތުގައިވެސް ފާހަގަކޮށްލެވޭ ފަދަ މޮޅު ކުޅުމެއް ދައްކައިގެންނެވެ.
މިއީ ރާއްޖޭގެ ފުޓްސަލް ތާރީޚުގައި މިހާތަނަށް ހޯދި އެންމެ ބޮޑު ކާމިޔާބީއެވެ.
ގައުމީ ފުޓްސަލް ޓީމަށް ތަށި ހޯދައިދިން ޓީމުގައި ޝާއްޕެ އާއި އައްމަޑޭ އަދި ކީޕަރު ނާޖިހް އަކީ ހދ. ނައިވާދޫ އަށް ނިސްބަތްވާ ކުޅުންތެރިންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!