2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ) ގެ އިންތިޚާބާ ދިމާކޮށް، ވޯޓަށް އަސަރުކުރާނެ ފަދަ ގޮތަކަށް ކޮރަޕްޝަންގެ އެއްވެސް ޢަމަލެއް ހިންގާނަމަ އެކަން ރިޕޯޓްކުރުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އިލްތިމާސްކޮށްފިއެވެ.

އޭސީސީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އިންތިޚާބުތަކުގައި ރިޝްވަތު ދިނުމާއި ހިފުމަކީ ދައުލަތުގެ މުއައްސަސާތަކަށް އޮންނަ އިތުބާރު ގެއްލި، މުޖުތަމަޢަށް އޭގެ ނޭދެވޭ އަސަރު ފޯރާނެ ކަމެއްކަމަށެވެ. ރަށާއި ދާއިރާގެ ތަރައްޤީއަށްޓަކައި ޤާބިލު އަދި ހަރުދަނާ މީހުން ހޮވުމުގައި ރައްޔިތުން ނަޒާހަތްތެރިކަން އިސްކުރުމަކީ މުހިންމު ކަމެއް ކަމަށާއި، އިންތިޚާބީ ޙައްޤު ވަގުތީ ފައިދާއަކަށް ވިއްކާލުމަކީ އަމިއްލަ ނަފްސަށާއި ޤައުމަށް ވެވޭ ޚިޔާނާތެއްގެ ގޮތުގައި ކޮމިޝަނުން ވަނީ ސިފަކޮށްފައެވެ.

Ad
rt

ރިޝްވަތާއި ނާޖާއިޒު ފައިދާ ހޯދުމަކީ ކުށެއް

އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ ދަށުން ރިޝްވަތުގެ ޢަމަލުތަކަކީ ކުށެއްގެ ގޮތުގައި ކަނޑައެޅިފައިވާކަން ހަނދާންކޮށްދެމުން، ކޮމިޝަނުން ވަނީ އެއްވެސް ފަރާތަކުން ރިޝްވަތުގެ ގޮތުގައި ފައިސާ ނުވަތަ އެއްޗެއް ހުށަހަޅައިފިނަމަ އެ މަޢުލޫމާތު ހިއްސާކުރުމަށް އެދިފައެވެ.

މީގެ އިތުރުން، އިންތިޚާބީ ދާއިރާއެއްގެ ވޯޓަށް އަސަރުކުރާނެ ފަދަ ގޮތަކަށް ނާޖާއިޒު ފައިދާ ހޯދުން ނުވަތަ ހޯދައިދިނުމާއި، ދައުލަތުގެ ތަކެތި އަމިއްލަ ފައިދާއަށް ބޭނުންކުރުން ފަދަ ކޮރަޕްޝަންގެ ޢަމަލުތައް ހިންގާނަމަ އެކަން ލަސްނުކޮށް ރިޕޯޓްކުރުމަށް ވަނީ އެދިފައެވެ.

މައްސަލަ ރިޕޯޓްކުރާއިރު، މައްސަލައިގެ ތަފްސީލާއި، ރައްދުވާ ފަރާތް ނުވަތަ އިދާރާ، އަދި މައްސަލަ ހިނގި ދުވަސްވަރު ބަޔާންކުރަންވާނެއެވެ. އޭސީސީން ވަނީ މިފަދަ މައްސަލައެއް ހުށަހަޅައިފިނަމަ ނުވަތަ ކޮމިޝަނަށް ފާހަގަކުރެވިއްޖެނަމަ، އެކަމެއް ފުރިހަމައަށް ތަޙުޤީޤުކުރާނެ ކަމުގެ ޔަޤީންކަން ދިވެހި ރައްޔިތުންނަށް އަރުވާފައެވެ.