ކައުންސިލްތަކަކީ ސަރުކާރު ޖަވާބުދާރީކުރުވުމުގެ ބަދަލުގައި، ވެރިކަން ހިންގުމުގެ ބާރުގެ ތެރޭގައި ހިމެނޭ ފަށަލައެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީ.އެން.ސީ) ގެ އޮފީސް ހުޅުވުމަށް މިރޭ ބޭއްވި ޚާއްސަ ޙަފުލާގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސްގެ ވާހަކަފުޅުގައި، ސަރުކާރު ޖަވާބުދާރީކުރުވުމުގެ ނަމުގައި ކައުންސިލްތަކަށް މީހުން އިންތިޚާބުކުރުމުން ތަރައްޤީގެ ބަދަލުގައި ސިޔާސީ މަސައްކަތްތައް އިސްވާކަން ފާހަގަކުރެއްވިއެވެ. އަދި ސަރުކާރުގެ ތަރައްޤީގެ މަޝްރޫޢުތައް ހަލުވިކަމާއެކު ކުރިއަށްގެންދިއުމަށް ހުރިހާ ފެންވަރެއްގެ މަންދޫބުންގެ އެއްބާރުލުން ބޭނުންވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ބައެއް ކައުންސިލްތަކުން ސަރުކާރުގެ މަސައްކަތްތަކަށް ހުރަސްއެޅުމުގެ ސަބަބުން ރައްޔިތުންގެ ތަރައްޤީއަށް ބުރެކިޖެހޭކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ކުރިއަށް އޮތް ކައުންސިލް އިންތިޚާބަކީ ތަރައްޤީގެ ދުވެއްޔަށް ހުރަސްނޭޅޭނެ ފަދަ މެންބަރުން އިންތިޚާބުކުރުމަށް ރައްޔިތުންނަށް ލިބޭ ފުރުޞަތެއް ކަމަށެވެ.
މީގެ އިތުރުން، މި ސަރުކާރަކީ ފަރުދީ މަސްލަހަތަށްވުރެ ޤައުމީ މަސްލަހަތު އިސްކުރާ، ރައްޔިތުންގެ ފަޅީގައި އޮތް ސަރުކާރެއްކަން ރައީސް މުޢިއްޒު ވަނީ ތަކުރާރުކުރައްވާފައެވެ. އެމަނިކުފާނު ބާރުއެޅުއްވީ ސަރުކާރާއި ކައުންސިލްތަކާ ދެމެދު އޮންނަ ގުޅުން ބަދަހިކޮށް، ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި އެއް އަމާޒަކަށް މަސައްކަތް ކުރުމުގެ މުހިންމުކަމުގެ މައްޗަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!