އޮޅުމަކުން އެހެން މީހެއްގެ ބޭންކް އެކައުންޓަކަށް ޖަމާކުރެވުނު ގިނަ އަދަދެއްގެ ފައިސާތަކެއް، ފުލުހުން ކުރި މަސައްކަތުން ހޯދައި އޭގެ ވެރިފަރާތާ ހަވާލުކޮށްފިއެވެ.
މި ހާދިސާ ހިނގާފައިވަނީ 2025 ޑިސެމްބަރު 25 ވަނަ ދުވަހުއެވެ.
އެ ދުވަހު މީހެއްގެ ބީ.އެމް.އެލް އެކައުންޓުން އޮޅުމަކުން އެހެން މީހެއްގެ އެކައުންޓަށް ފައިސާތަކެއް ޖަމާކުރެވުނު މައްސަލަ ވަނީ އައްޑޫ ސިޓީ، ގަން ޕޮލިސް ސްޓޭޝަނަށް ހުށަހަޅާފައެވެ.
މި މައްސަލައާ ގުޅިގެން ގަން ޕޮލިސް އިންވެސްޓިގޭޝަނުން ބޭންކް އޮފް މޯލްޑިވްސްއާ ގުޅިގެން ކުރި މަސައްކަތުން، ފައިސާ ޓްރާންސްފަރވި މީހާ ވަނީ ދެނެގަނެފައެވެ. އަދި އެމީހާގެ އެކައުންޓަށް އޮޅިގެން ޖަމާކުރެވިފައިވާ ޖުމްލަ 28,002 ރުފިޔާ ފުލުހުން ވަނީ ހޯދާފައެވެ.
ފުލުހުން ހޯދި މި ފައިސާތައް 2026 ޖެނުއަރީ 06 ވަނަ ދުވަހު ވަނީ އަނބުރާ އޭގެ ވެރިފަރާތުގެ އެކައުންޓަށް ޖަމާކޮށްދީފައިވާކަމަށް ގަން ޕޮލިހުން ބުންޏެވެ.
މިފަދަ ހާދިސާތަކުން ސަލާމަތްވުމަށްޓަކައި، ފައިސާ ޓްރާންސްފަރ ކުރާއިރު އެކައުންޓް ނަންބަރާއި ނަން ރަނގަޅަށް ޗެކްކުރުމަށް ކަމާބެހޭ ފަރާތްތަކުން އަބަދުވެސް އިލްތިމާސްކުރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!