ރާއްޖެއިން އުމްރާގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާގެ މައްކާއަށް ދިޔަ ދިވެހިންގެ ތެރެއިން ދެ މީހަކު ނިޔާވެއްޖެއެވެ.

މިކަން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ކަށަވަރުކޮށްދީފައެވެ.

Ad
rt

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މައުލޫމާތުދިން ގޮތުގައި، ނިޔާވެފައިވަނީ މިއަހަރުގެ ޑިސެންބަރު އަދި ޖަނަވަރީ އުމްރާއަށް ގޮސް އުޅުނު ދެ ފިރިހެނުންނެވެ.

މި ދެމީހުންނަކީ ދެ ގްރޫޕަކުން އުމްރާއަށް ދިޔަ ދެމީހުންނެވެ. އެއީ ސަފާ ގްރޫޕް އަދި ހިޖާޒް ގްރޫޕްގެ ފަރާތުން އުމްރާގެ އަޅުކަމަށް ދިޔަ ދެ އުމްރާވެރިންނެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އިތުރަށް ބުނީ، ނިޔާވި ދެ އުމްރާވެރިންގެ ޖަނާޒާގެ ކަންތައްތައް މިހާރު ފުރިހަމަކުރެވިފައިވާ ކަމަށެވެ. ނަމަވެސް، ނިޔާވި މީހުންގެ ވަނަވަރާއި ގުޅޭ އިތުރު ތަފްސީލެއް ވުޒާރާއިން ހާމަކޮށްފައެއް ނުވެއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، މި ދުވަސްވަރަކީ ސްކޫލް ބަންދާ ދިމާކޮށް ގިނަ އަދަދެއްގެ ދިވެހިން އުމްރާއަށް ގޮސްފައިވާ ދުވަސްވަރެއް ކަމަށެވެ. އެގޮތުން މި ޗުއްޓީގައި ރާއްޖެއިން 7000 އަށްވުރެ ގިނަ ދިވެހިން އުމްރާއަށް ގޮސްފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، މިހާ ގިނަ އަދަދެއްގެ ބަޔަކު އުމްރާއަށް ގޮސްފައިވާއިރު، ޖުމުލަކޮށް ހުރިހާ އުމްރާވެރިންގެ ހާލުވެސް ރަނގަޅު ކަމަށެވެ.