ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އުމްރާނީ ތަރައްޤީގެ 14 މަޝްރޫޢެއް ކުރިއަށް ގެންދިއުމަށްޓަކައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ އެކު މިއަދު އެއްބަސްވުންތަކުގައި ސޮއިކޮށްފިއެވެ.

ހައުސިންގ އެންޑް އިންފްރާސްޓަކްޗަރ މިނިސްޓްރީން އެމްޓީސީސީ އާއި ހަވާލުކުރި މި މަޝްރޫޢުތަކަކީ ރަށްރަށުގެ ބިން ހިއްކުމާއި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ އިތުރުން ބަނދަރު ތަރައްޤީކުރުމާއި މަގު ހެދުމުގެ މަސައްކަތްތަކެވެ.

Ad
rt

މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުންތަކުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އިސްމާޢިލް ޙަމީދެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑީސީޕީ (ރިޓަޔާރޑް) އަހްމަދު ސައުދީ އެވެ.

މިއަދު ސޮއިކުރެވުނު މަޝްރޫޢުތަކުގެ ތެރޭގައި ހއ. އަތޮޅުގެ ހަތަރު ރަށެއްގެ މަސައްކަތް ހިމެނެއެވެ. އެއީ މުރައިދޫ ބަނދަރު ބޭރުތޮށި ތަރައްޤީކުރުމާއި، އިހަވަންދޫ އާޓިފިޝަލް ބީޗް ތަރައްޤީކުރުމާއި، ފިއްލަދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ އިތުރުން ވަށަފަރު ބިންހިއްކުމާއި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢެވެ.

މީގެ އިތުރުން ނ. އަތޮޅުގެ ހެނބަދޫ، ހޮޅޮދޫ އަދި މާޅެންދޫގެ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތްތަކާއި، މާފަރު ހިއްކުމުގައި ގޮނޑުދޮށް ހިމާޔަތްކުރުމުގެ އެއްބަސްވުމުގައި ވެސް ވަނީ ސޮއިކޮށްފައެވެ. ރ. އަތޮޅުން އުނގޫފާރު ބަނދަރު ތަރައްޤީކުރުމާއި އަލިފުށި އިންޑަސްޓްރިއަލް ޒޯން ބިންހިއްކުމުގެ މަޝްރޫޢު ވެސް މިއަދު ވަނީ އެމްޓީސީސީއާ ހަވާލުކޮށްފައެވެ.

ދެކުނުގެ ރަށްތަކުގެ ތެރެއިން ގއ. ކަނޑުހުޅުދޫ އަދި ދ. ބަނޑިދޫގެ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ހިމެނޭއިރު، ގދ. ފަރެސްމާތޮޑާ މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ އެއްބަސްވުމުގައި ވެސް ވަނީ ސޮއިކޮށްފައެވެ. މީގެ އިތުރުން ކ. ގާފަރުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ވެސް ވަނީ މި ލިސްޓުގައި ހިމެނިފައެވެ.

މި މަޝްރޫޢުތަކަކީ ރަށްރަށަށް ދިމާވެފައިވާ ބިމުގެ ދަތިކަމާއި ރަށް ގިރުމުގެ މައްސަލަތަކަށް ހައްލެއް ހޯދައިދިނުމަށާއި، ރަށްރަށުގެ އުމްރާނީ ފެންވަރު މަތިކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތްތަކެއް ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން މަޢުލޫމާތުދެއެވެ.