ސަރުކާރުގެ 'ކޮންމެ ކުއްޖަކަށް އާއިލާއެއް' ސިޔާސަތުގެ ދަށުން، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ތެރެއިން 110 ކުދިން މިހާތަނަށް އާއިލާތަކާ ހަވާލުކޮށްފައިވާ ކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން، އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވަޒީރު ޢާއިޝަތު ޝިހާމް ވިދާޅުވީ، 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން މިހާތަނަށް 110 ކުދިން އެކުދިންގެ އަމިއްލަ އާއިލާތަކަށް ނުވަތަ އައު އާއިލާތަކާ ހަވާލުކުރެވިފައިވާ ކަމަށެވެ. މިއީ ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅުގެ ދަށުން ކުރިއަށްދާ ވަރަށް ކާމިޔާބު މަޝްރޫއެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވި ގޮތުގައި، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން އާއިލީ މާހައުލެއްގައި ބޮޑުވުމަކީ އެކުދިންނަށް ބޭނުންވާ މުހިންމު ހުނަރުތައް ލިބުމަށް މަގުފަހިވާނެ ކަމެކެވެ.
"އަޅުގަނޑުމެންގެ އެދުމަކީ މި ޕްރޮގްރާމުގައި ބައިވެރިވެ ކުދިން ބެލެހެއްޓުމުގައި ވުޒާރާއާއި ގުޅިގެން މަސައްކަތް ކުރުން،" ވަޒީރު ވިދާޅުވިއެވެ.
ކުދިންނާ ހަވާލުވާ އާއިލާތަކުގެ އަދަދު އިތުރުވަމުންދާ ކަމަށާއި، އެ އާއިލާތަކުން ކުދިން ބަލަހައްޓަމުންދަނީ ވަރަށް ފުރިހަމައަށް ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، އަމާންވެށިތަކުގައި ތިބޭ ކުދިން މުޖުތަމައުއަށް ނުކުންނައިރު އަމިއްލަ ފައިމައްޗަށް ތެދުވުމަށް އެހީތެރިވުމުގެ ގޮތުން އިންޓާންޝިޕް ފުރުސަތުތައް ފަހިކޮށްދެމުންދާ ކަމަށް ވުޒާރާއިން ބުނެއެވެ. މިއީ އެކުދިންގެ މުސްތަގުބަލު ބައްޓަންކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސަރުކާރުން ދެކެއެވެ.
ކުދިންނަށް ފަހި ފުރުސަތުތަކެއް ހޯދައިދިނުމަށް ކުރާ މަސައްކަތުގެ ދަށުން އަމާންވެށިތައް އިތުރަށް ތަރައްޤީކުރަމުންދާކަން ފާހަގަކުރައްވައި، ވަޒީރު ވިދާޅުވީ މިފަހުން ފ. އަތޮޅުގައިވެސް އަމާންވެއްޓެއް ޤާއިމްކޮށްފައިވާ ކަމަށެވެ.
ސަރުކާރުގެ އަމާޒަކީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ހުރިހާ ކުދިންނަށްވެސް އާއިލީ ލޯތްބާއި ރައްކާތެރިކަން ލިބޭނެ މާހައުލެއް ކަށަވަރުކޮށްދިނުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!