ފުލުހުންގެ 'އޮޕަރޭޝަން އަލިމަގު'ގެ ދަށުން އައްޑޫ ސިޓީގައި ކުރިއަށް ގެންދާ މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގާ ބޮޑު އޮޕަރޭޝަނެއްގައި މިހާތަނަށް 10 މީހަކު ހައްޔަރުކޮށް، ކޯޓު އަމުރެއްގެ ދަށުން 10 ތަނެއް ބަލައިފާސްކޮށްފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

މި އޮޕަރޭޝަނަކީ އައްޑޫގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ނެޓްވޯކެއްގެ އިސް ފަރާތްތަކަށް އަމާޒުކޮށް ހިންގާ އޮޕަރޭޝަނެކެވެ.

Ad
rt

ފުލުހުން ބުނި ގޮތުގައި، މި އޮޕަރޭޝަނުގައި ހައްޔަރުކުރެވުނު 10 މީހުންގެ ތެރެއިން 6 މީހެއްގެ ބަންދުގެ މުއްދަތު ވަނީ ކޯޓަށް ހާޒިރުކުރުމަށްފަހު އިތުރުކޮށްފައެވެ. އަދި އިތުރު މީހެއްގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް މިއަދު ކޯޓަށް ހާޒިރުކުރިއެވެ. އެގޮތުން، ސ. ހިތަދޫ / ގުލްކަނދުގެ، ޙަސަން ނަޒީފް (36އ) މިއަދު ކޯޓަށް ހާޒިރުކުރުމުން ވަނީ 5 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.

މި ނެޓްވޯކްގެ އިސް ފަރާތްތަކަށް އަމާޒުކޮށް މަސްތުވާތަކެތި ޓްރެފިކް ކުރުމާއި މަނީ ލޯންޑަރ ކުރުމުގެ ތަހުގީގެއް ފުލުހުން ފަށާފައިވަނީ މި އަހަރު މާރޗް މަހުން ފެށިގެންނެވެ. ފުލުހުންގެ ތަހުގީގަށް އެނގިފައިވާ ގޮތުގައި މި ނެޓްވޯކްގެ ތެރެއިން 2017 އިން ފެށިގެން މަސްތުވާތަކެތިގެ ވިޔަފާރި ކުރަމުންދެއެވެ. ފާއިތުވި 5 އަހަރު މި ނެޓްވޯކްގެ އިސް 4 މީހެއްގެ އެކައުންޓްގައި 19 މިލިއަނަށްވުރެ ގިނަ ދިވެހި ފައިސާ ދައުރުކޮށްފައިވާކަން ފާހަގަކުރެވިފައިވެއެވެ.

ޑިސެންބަރު މަހުގެ 3 ވަނަ ދުވަހުގެރޭ އައްޑޫ ސިޓީގައި ހިންގި އޮޕަރޭޝަނުގައި ހައްޔަރުކުރެވުނު މީހުންގެ ތެރޭގައި ހިމެނެނީ ސ.ހިތަދޫ / ކޮންމުލި، ޢަލީ ނަދީމް (30އ) އާއި ސ. ހިތަދޫ / ފަލާޙް، ހާފިޡު ފައުޒީ (31އ) އާއި ސ. ހިތަދޫ / ވެޔޮފެހެބުރުގެ، އިބްރާހީމް ސިރާޖު (43އ) އާއި ސ. ހިތަދޫ / ދޮރުފޮތިމާގެ، ޙަސަން ޢަލްފާފް (28އ) އަދި ސ. ހިތަދޫ / ކެކުރިމާގެ، އަމީން މުޙައްމަދު (23އ) އެވެ.

މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޢަލީ ނަދީމް އާއި ހާފިޡު ފައުޒީ އަދި އިބްރާހީމް ސިރާޖަށް 30 ދުވަހުގެ މުއްދަތެއް ކޯޓުން ދީފައިވާއިރު، ޙަސަން އަލްފާފް އާއި އަމީން މުޙައްމަދަށް ވަނީ 5 ދުވަހުގެ މުއްދަތެއް ދީފައެވެ. ފުލުހުން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް މައުލޫމާތު ދެއެވެ.