ސްރީލަންކާ، ތައިލެންޑް، އިންޑޮނޭޝިއާ އަދި މެލޭޝިއާ އަށް ކުރިމަތިވި މޫސުމީ ކާރިސާގެ ސަބަބުން ލިބުނު ގެއްލުންތަަކަށް އެހީތެރިވާނެކަމަށް މަޝްހޫރު ޓެކް ކުންފުނި އެޕަލުން ބުނެފިއެވެ.
އެޕަލްގެ ސީއީއޯ ޓިމް ކޫކް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ތައިލެންޑް، އިންޑޮނޭޝިއާ، މެލޭޝިއާ އަދި ސްރީލަންކާގެ އެކި ހިސާބުތަކަށް އެރި ތޫފާންތަކުގެ ސަބަބުން ގިނަ ރަށްތަކާއި މުޖުތަމަޢުތަކަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށެވެ. އެހެންވެ، މިކަމުގެ ސަބަބުން ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ހުރިހާ އެންމެންނަށް އެޕަލްގެ ހަމްދަރުދީ އާއި ތައައްސުރު ފޮނުވާކަމަށް އޭނާ ބުނެފަވެއެވެ.
''އަދި، އެހީތެރިކަން ފޯރުކޮށްދިނުމަށާއި އާރާސްތުކުރުމުގެ މަސައްކަތްތަކަށް އަޅުގަނޑުމެން ދީލަތި އެހީއެއް ވެދޭނެކަން އަންގަން'' އޭނާ ވިދާޅުވެފަވެއެވެ.
އަވަށްޓެރި ސްރީލަންކާއަށް ކުރިމަތިވި މޫސުމީ ކާރިސާ އަށް ދިވެހިރާއްޖެ ހިމެނޭހެން ގިނަ ގައުމުތަކަކުން އަންނަނީ އެހީތެރިވަމުންނެވެ. މިގޮތުން ރާއްޖޭގެ ސަރުކާރުން 50،0000 އެމެރިކާ ޑޮލަރާއި، 25،000 ކޭސް މަސްދަޅާއި، ދައުލަތުގެ މީޑިއާ އިސްނަގައިގެން 37 މީޑިއާއަކާއި ގުޅިގެން ހިންގި ތެލެތޯނަށް އާންމު ރައްޔިތުންނާއި، އޮފީސް/ކުންފުނި ޖަމާއަތްތަކުން ދިން 800،000 ޑޮލަރުގެ އެހީ ބައެއް ބޮޑެތި ވިޔަފާރިތަކުން ސީދާ ލަންކާ އާއި ހަވާލުކުރި ފައިސާއާއިއެެކު ރާއްޖެއިން ލަންކާ އަށް ދިން އެހީތެރިކަން 1.2 މިލިއަން ޑޮލަރާއި ވަނީ ގާތްކޮށްފައެވެ.
މީގެ އިތުރުން ކުއްލި އިންސާނީ އެހީގެ ގޮތުގައި އެމެރިކާއިން 2 މިލިއަން ޑޮލަރުގެ އެހީ ލަންކާ އަށް ފޯރުކޮށްދީފައިވާއިރު، އިނގިރޭސިވިލާތުން ވަނީ 890،000 ޑޮލަރުގެ އެހީ ދީފައެވެ. އަދި އޮސްޓްރޭލިއާއިން 650،000 ޑޮލަރުގެ އެހީދީފައިވާއިރު، ނޭޕާލުން 200،000 ޑޮލަރު، ޗައިނާއިން 150،000 ޑޮލަރުގެ އެހީ ވަނީ ދީފައެވެ.
ލަންކާއަށް ދިމާވި މޫސުމީ ބޮޑުގެއްލުމުން އަރައިގަނެ އެހީތެރިކަން ފޯރުކޮށްދިނުމަށް އިންޑިއާއިން ސިފައިން ފޮނުވައި އެހީތެރިވުމުގެ ޚާއްޞަ އޮޕަރޭޝަނެއް ހިންގަމުން އަންނައިރު، ޕާކިސްތާން، ޖަޕާން އަދި ޔޫރަޕިއަން ޔޫނިއަނުން ވެސް އަންނަނީ އަމަލީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
މީގެ އިތުރުން ކެނެޑާ، ޔޫއޭއީ އަދި ޔުނިސެފް، ވޯލްޑް ބޭނުންކުން ވެސް އަންނަނީ ލަންކާ އަށް އެހީތެރިވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!