ރާއްޖޭގެ އެކި ރަށްރަށުގައި ބިނާ ކުރަމުން އަންނަ 15 ވަރަކަށް މިސްކިތުގެ މަސައްކަތް ނިންމައި، އަންނަ ބަރަކާތްތެރި ރަމަޟާން މަހުގެ ކުރިން ހުޅުވޭނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެެވެ.
ރައީސް މިކަން ހާމަކުރެއްވީ، ހއ. ދިއްދޫގައި މިއަދު ހުޅުވުނު އިސްލާމީ ދާއިރާގެ ތަންތަން ހުޅުވުމުގެ މުނާސަބާގައި އެރަށުގެ ރައްޔިތުންނަށް ފޮނުއްވި ތަހްނިޔާގެ މެސެޖެއްގައެވެ.
ދިއްދޫގައި މިއަދު ހުޅުވުނު އިސްލާމީ މަރުކަޒުގައި ހިމެނެނީ މިސްކިތަކާއި، އިސްލާމީ ކުތުބުޚާނާއަކާއި، ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ގޮތްޕެކެވެ. ރައީސް ވަނީ މި އުފާވެރި މުނާސަބަތުގައި ދިއްދޫގެ ލޮބުވެތި ރައްޔިތުންނަށް ތަހުނިޔާ އަރިސްކުރައްވާފައެވެ.
އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، މަޝްރޫޢުތައް ނިންމުމަށް ސަރުކާރުން ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެއްވައެވެ.
''މަޝްރޫޢުތައް ނިންމުމަށް ސަރުކާރުން ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދީގެން ނިންމައި، މިއަދު ހއ. ދިއްދޫ އިސްލާމީ މަރުކަޒު، މިސްކިތަކާއި އިސްލާމީ ކުތުބުޚާނާއަކާއި ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ގޮތްޕަކާއެކު ހުޅުވިގެން ދިޔަ މި އުފާވެރި މުނާސަބަތުގައި ދިއްދޫގެ ލޮބުވެތި ރައްޔިތުންނަށް ތަހުނިޔާ އަރިސްކުރަން.'' ރައީސްގެ މެސެޖުގައިވެއެވެ.
ރޯދަމަހުގެ ކުރިން 15 މިސްކިތް ހުޅުވުމަށް އަމާޒު
ރައީސް ވިދާޅުވީ، ސަރުކާރުން މަސައްކަތްކުރަމުން މިދަނީ ރަމަޟާން މަހުގެ ކުރިން ގިނަ މިސްކިތްތަކެއް ހުޅުވުމަށް ކަމަށާއި، ސަރުކާރާއި ހެޔޮ އެދޭ ފަރާތްތަކުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބިނާކުރަމުންގެންދާ މަޝްރޫޢުތަކުގެ ތެރެއިން 15 ވަރަކަށް މިސްކިތުގެ މަސައްކަތް ނިމި ރޯދަމަހުގެ ކުރިން އިރާދަކުރެއްވިއްޔާ ހުޅުވިގެންދާނެ ކަމަށެވެ. މީގެ ތެރޭގައި މާލޭގެ މިސްކިތަކާއި ހުޅުމާލެ ފޭސް 2 ގެ މިސްކިތްތައް ވެސް ހިމެނޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން ހުޅުމާލެ ފޭސް 2 ގައި ދާއިމީ މިސްކިތް މަދުކަމުން ދިމާވެފައިވާ ދަތިކަން ޙައްލުކުރުމަށްޓަކައި އެތަނުގައި ދާއިމީ އިތުރު މިސްކިތްތަކެެއް ބިނާކުރުމުގެ ޢަމަލީ މަސައްކަތްވެސް ޑިސެންބަރު މަހު ފެށިގެންދާނެ ކަމަށް ރައީސްގެ މެސެޖުގައި ބަޔާންކުރައްވާފައިވެއެވެ. ސަރުކާރުން މިކަމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
މިސްކިތްތަކާއި އިސްލާމީ މަރުކަޒުތައް ސަރުކާރުން ބިނާކުރުމުގެ މައިގަނޑު މަޤުޞަދަކީ ރާއްޖޭގެ ކަންކޮޅުތަކުގައި އިސްލާމީ އެއްބައިވަންތަކަން ޤާއިމުކޮށް އިސްލާމީ ހިދާޔަތާއި ނޫރާއި ސަގާފަތު ފެތުރުން ކަމަށް ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ. އެމަނިކުފާނު ވަނީ މި މަސައްކަތްތަކުގައި މާތް ﷲގެ ތައުފީޤަށް އެދި ދުޢާވެސް ކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!