ދުބާއީގައި މިހާރު ކުރިއަށްދާ ދުބާއީ އެއަރޝޯގައި އިންޑިއާގެ ވައިގެ ސިފައިންގެ ފައިޓަރ ޖެޓެއް ކަމަށްވާ 'ތޭޖަސް' މަތިންދާބޯޓެއް އޭރިއަލް ޑެމޮންސްޓްރޭޝަނެއް ދައްކަމުން ދަނިކޮށް ވެއްޓި، އެ ބޯޓު ދުއްވި ޕައިލެޓު މަރުވެއްޖެއެވެ. މި ހާދިސާ ހިނގާފައިވަނީ ހުކުރު ދުވަހު ހަވީރު 2:00 ކަންހާއިރެވެ.

އޮންލައިންކޮށް ފުޅާ ދާއިރާއެއްގައި ދައުރުވި ވީޑިއޯ ފުޓޭޖުތަކުން ދައްކާ ގޮތުގައި، 'ތޭޖަސް' މަތިންދާބޯޓު ބިމަށް ވެއްޓުމާއެކު ބޮޑު ގޮވުމެއް ގޮވައި، ގަދަ ދުންގަނޑެއް ވަނީ އުޑަށް އަރާފައެވެ. ދުބާއީ މީޑިއާ އޮފީހުން ވަނީ ނުރައްކާތެރި މި ހާދިސާ ކަށަވަރުކޮށްދީފައެވެ. އަދި ހާދިސާ ހިނގި ސަރަހައްދަށް އިމަރޖެންސީ ހިދުމަތްތައް ފޮނުވާފައިވާ ކަމަށްވެސް އެ އޮފީހުން ބުނެފައިވެއެވެ.

Ad
rt

ދުބާއީ މީޑިއާ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ދުބާއީ އެއަރޝޯގައި ބައިވެރިވި އިންޑިއާގެ ތޭޖަސް ފައިޓަރ މަތިންދާބޯޓެއް ވެއްޓި، އެ ބޯޓު ދުއްވި ޕައިލެޓު މަރުވެފައިވާކަމަށް ބުނެފައެވެ.

އިންޑިއާގެ ވައިގެ ސިފައިން (އައި.އޭ.އެފް) އިން ވަނީ މި ހާދިސާ ހިނގި ސަބަބު ބެލުމަށް ތަހުގީގެއް ފަށާނެ ކަމަށް ބުނެފައެވެ. އައި.އޭ.އެފް އިން ސޯޝަލް މީޑިއާގައި ބުނެފައިވާ ގޮތުގައި، އައި.އޭ.އެފް ގެ ތޭޖަސް މަތިންދާބޯޓެއް މިއަދު ދުބާއީ އެއަރޝޯގައި އޭރިއަލް ޑިސްޕްލޭއެއް ދައްކަމުން ދަނިކޮށް ހާދިސާއަކާ ކުރިމަތިވެފައިވެއެވެ. އަދި މި ހާދިސާގައި ޕައިލެޓަށް ނުރައްކާތެރި އަނިޔާތަކެއް ލިބިފައިވާ ކަމަށާއި، މި ހިތާމަވެރި ވަގުތުގައި އާއިލާއަށް ތައުޒިޔާ ކިޔާ އަދި އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށްވެސް ވަނީ ބުނެފައެވެ. ހާދިސާ ހިނގި ސަބަބު ދެނެގަތުމަށްޓަކައި ތަހުގީގު ކޮމިޓީއެއް އެކުލަވާލެވިފައިވާ ކަމަށްވެސް އައި.އޭ.އެފް އިން ބުނެއެވެ.

'އޭނާއަށް މަތިކުރާނެ ވަގުތެއް ނުލިބުނު'

ހާދިސާ ހިނގި ވަގުތު ޑެމޮންސްޓްރޭޝަން ބަލަން ހުރި އިނގިރޭސިވިލާތުގެ ވިލް ގިލްމޯރ ބުނި ގޮތުގައި، ޕައިލެޓު ބޯޓު ދުއްވަމުން ދިޔައީ ބޯޓުގެ ދަށުން މައްޗަށްވާ ގޮތަށެވެ. އަދި ބޯޓު ރަނގަޅު ކުރަން މަސައްކަތް ކުރި ނަމަވެސް، ބިމާ ވަރަށް ކައިރިވެފައި ހުރުމުން މަތިކުރާނެ ވަގުތެއް ނުލިބުނު ކަމަށެވެ.

"އޭނާ ބޯޓު ދުއްވީ ބޯޓުގެ ދަށުން މައްޗަށްވާ ގޮތަށް. އޭނާ މަސައްކަތްކުރީ ބޯޓު ރަނގަޅު ކުރަން. އެ ވަގުތު އަހަރެން ބުނިން އޭނާ ހުރީ ބިމާ ވަރަށް ކައިރީގައި، އަދި މަތިކުރާނެ ވަގުތެއް ނުލިބުނުހެން ހީވޭ." ގިލްމޯރ ބުންޏެވެ.

"އަހަރެންނަކަށް އެއްވެސް މީހަކު ބޯޓުން ބޭރަށް ފުންމާލިތަނެއް ނުފެނޭ، އެކަން ހިނގީ ވަރަށް އަވަހަށް. މިލިސިކުންތުކޮޅެއްގެ ތެރޭގައި ހިނގީހެން ހީވަނީ. އަޅުގަނޑުމެން ތިބީ ފޭލިގަނޑެއްގެ ފަހަތުގައި ކަމުން މަންޒަރު މުޅިން ސާފުކޮށެއް ނުފެނޭ. އަހަރެންނަށް ފެނުނީ ބޮޑު ދުންގަނޑެއް. ކަމާބެހޭ ފަރާތްތަކުން ވަރަށް އަވަހަށް މަސައްކަތް ފެށި، ސައިރަން އަޅަން ފެށީ ވަގުތުން. އެނައުންސަރގެ ދަށުން ތިބި އަންހެންކަނބަލުން ވެސް ވަރަށް ރަނގަޅަށް މަސައްކަތްކުރި، ވަރަށް ހަމަޖެހިގެން އަވަހަށް މަސައްކަތްކުރި، ކަމާބެހޭ ހުރިހާ ފަރާތްތަކަކަށް އަންގާފައިވާ ކަމަށް ބުނެފައިވޭ." އޭނާ އިތުރަށް ބުނެފަވެއެވެ.

ގިލްމޯރ ބުނި ގޮތުގައި، ސައިރަން އަޅަން ފެށި އަޑު ވަގުތުން އިވުމާއެކު މުޅި މާހައުލު ބަދަލުވެގެން ދިޔައެވެ.

"އެއީ ވަރަށް އުފާވެރި އިވެންޓެއް ނަމަވެސް، އެ ހާދިސާ އަށް ފަހު މާހައުލު ބަދަލުވެ ދެރަވެއްޖެ." ގިލްމޯރ އިތުރަށް ބުންޏެވެ.

މި އަހަރު 150,000 އަށްވުރެ ގިނަ ފަރާތްތަކުން ޒިޔާރަތްކުރާނެ ކަމަށް ލަފާކުރެވޭ ދުނިޔޭގެ އެންމެ ބޮޑު އެވިއޭޝަން އިވެންޓުތަކުގެ ތެރޭގައި ހިމެނޭ ދުބާއީ އެއަރޝޯ ނިމޭނީ ހުކުރު ދުވަހު (މިއަދު) އެވެ.