މާލޭގައި ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ ވަޤްފު ޢިމާރާތް 'ދާރުލްއަރްޤަމް'ގެ ބިންގާ މިއަދު އަޅައިފިއެވެ.

މާލޭގައި ފުރަތަމަ އެޅި ވަގުފް އިމާރާތަކީ ސޯޝަލް ސެންޓަރު ކައިރީ ހުންނަ ދާރުލް އީމާނެވެ. މާލޭގައި އަޅާ ދެވަނަ ވަގްފު އިމާރާތުގެ ބިންގާ މިއަދު އަޅުއްވައި ދެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދެވެ.

Ad
rt

މި ޢިމާރާތުގެ ބިންގާ އެޅުމުގެ ޚާއްސަ ރަސްމިއްޔާތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެސް ބައިވެރިވެވަޑައިގެންފައިވާއިރ، މި ރަސްމިއްޔާތުގައި ދައުލަތުގެ ބައެއް ވަޒީރުންނާއި، އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ އިސްވެރިން ވެސް ވަނީ ބައިވެރިވެލައްވާފައެވެ.

'ދާރުލްއަރްޤަމް' އަކީ މާލޭ ހެންވޭރު 64 ނަމްބަރު ކޮށީގައި 12 ބުރިއަށް ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ ޢިމާރާތެކެވެ. މި ޒަމާނީ ވަޤްފު ޢިމާރާތް ޑިޒައިންކުރެވިފައިވަނީ ވިޔަފާރީގެ ބޭނުންތަކަށް ޚާއްސަކޮށްގެންނެވެ.

،ި ޢިމާރާތުގެ ބޭސްމެންޓާއި ގްރައުންޑް ފްލޯގައި ޕާކިންގ އިންތިޒާމް ހަމަޖައްސާފައިވާއިރު، ފުރަތަމަ ފްލޯގައި ރިސެޕްޝަނެއް ހުންނާނެއެވެ. ދެވަނަ ބުރީގައި ކޮންފަރެންސް ހޯލެއް ޤާއިމްކުރުމަށް ހަމަޖެހިފައިވާއިރު، 3 ވަނަ ބުރިން ފެށިގެން 12 ވަނަ ބުރިއާ ހަމައަށް ޒަމާނީ އޮފީސް ބައިތަކާއި، މީޓިންގ ރޫމުތަކުގެ އިތުރުން ނަމާދު ކުރާ ކޮޓަރި ހުންނާނެއެވެ. މީގެ އިތުރުން ޢިމާރާތުގެ ރޫފްޓޮޕަކީ އޯޕަން ޓެރަސްއެއްގެ ގޮތުގައި ބޭނުންކުރެވޭނެ ބައެކެވެ. ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ވަދެ ނިކުމެވޭނެ އިންތިޒާމްތައް ވެސް މި ޢިމާރާތުގައި ޤާއިމް ކުރެވޭނެއެވެ.

މި މަޝްރޫޢު ނިންމުމަށް ހަވާލުކޮށްފައިވަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. މި މަޝްރޫޢުގެ މުއްދަތަކީ 540 ދުވަހެވެ. ޖުމްލަ 39،462،545.08 ރުފިޔާގެ މި މަޝްރޫޢަކީ ބޭންކް އޮފް މޯލްޑިވްސް އިސްލާމިކް ފައިނޭނިންސްގެ ދަށުން ފަންޑު ކުރާ މަޝްރޫޢެކެވެ.

ދާރުލްއަރްޤަމްގެ އިތުރުން ހުޅުމާލޭގައި ވަޤްފު އިމާރާތަކާއި، މާލޭގައި ކީރިތި ޤުރުއާނަށް ޚާއްސަ ވަޤްފު އިމާރާތެއް އެޅުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އަދި ސިޓީތަކުގައި ވެސް ވަގްފު އިމާރާތް އެޅުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.