އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކައުންސިލަރުންނަށް ޚާއްސަކޮށްގެން ކުރިއަށް ގެންދިޔަ "ޕްރޮފެޝަނަލް ޚަޠީބް ޕްރޮގުރާމު" ފުރިހަމަކުރި 36 ކައުންސިލަރަކަށް، ޚުޠުބާ ކިޔުމާއި ކަށުކަމާކެމީގެ ކަންކަން ކުރުމުގެ ހުއްދަ ރޭ ދެއްވައިފިއެވެ.

މި ހުއްދަ ދިނުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި، ޕްރޮގުރާމު ފުރިހަމަކުރި ކައުންސިލަރުންނަށް ހުއްދަ ހަވާލުކޮށްދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ.

Ad
rt

މި ޕްރޮގުރާމު ފުރިހަމަކުރުމަށްފަހު 36 ކައުންސިލަރުން މިހާރު ވަނީ ޚުޠުބާ ކިޔުމާއި ކަށުކަމާކެމީގެ ކަންކަން ކުރުމުގެ ޤާނޫނީ ހުއްދަ ލިބިގެންފައެވެ.

ޕްރޮގުރާމަށްފަހު ބައިވެރިންނާ މުޚާތަބުކުރައްވައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވަނީ، މި ޕްރޮގުރާމު ފުރިހަމަކުރެއްވި ހުރިހާ ބައިވެރިންނަށް މަރުޙަބާ ވިދާޅުވެފައެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، އިދާރީ ގޮތުން ރަށުގެ ކަންކަން ހިންގުމާއެކު، އިމާމުވެ ހުކުރު ކުރުން ފަދަ ދީނީ ކަންކަންވެސް އިސްވެ ކުރުމުގެ ޤާބިލުކަން ހުރި ލީޑަރުން ރަށުގެ ވެރިންނަށް ތިބުމަކީ އިސްލާމީ މުޖުތަމަޢެއްގައި ވަރަށް ބޭނުންތެރި އަދި މުހިންމު ކަމެއްކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މިއީ ބައެއް ރަށްރަށުގައި ޚުޠުބާ ކިޔާ މީހުން ލިބުމުގައި އޮތް ދަތިކަން ފިލުވުމަށް، ކައުންސިލަރުންގެ ތެރެއިން ޤާބިލުކަން ހުރި ފަރާތްތަކަށް ޚުޠުބާ ކިޔުމުގެ ހުއްދަ ދިނުމަށްޓަކައި، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މިފަދަ ޕްރޮގުރާމެއް ކުރިއަށް ގެންދިޔަ ފުރަތަމަ ފަހަރެވެ.