ކަންނެލި މަސްވެރިންގެ ދިގުދެމިފައިވާ ކަންބޮޑުވުންތަކަށް ދެމެހެއްޓެނިވި އަދި ހަރުދަނާ ހައްލެއް ނުހޯދިއްޖެނަމަ، ދިވެހިރާއްޖޭގެ މި މުހިންމު މަސްވެރިކަމުގެ ސިނާޢަތް ނެތިދިއުމުގެ ބިރު ބޮޑުވެފައިވާ ކަމަށް ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން ( ބީކޭއެމްޔޫ )އިން ބުނެފިއެވެ.

ބީކޭއެމްޔޫ އަކީ ބޮޑުކަންނެލި މަސްވެރިކަމުގެ ސިނާޢަތާއި މަސްވެރިންގެ ޙައްޤުތައް ޙިމާޔަތްކޮށް، ސިނާޢަތް ކުރިއަރުވާ ދެމެހެއްޓުމަށް މަސައްކަތްކުރާ ޔޫނިއަނެކެވެ.

Ad
rt

އެ ޔޫނިއަނުން ނެރުނު ބަޔާނެއްގައި ބުނީ މި ސިނާޢަތް ކުރިއެރުވުމަށްޓަކައި ސަރުކާރުގެ ސިޔާސަތަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭކަމަށް އެ ޔޫނިއަނުން ދެކޭކަމަށެވެ. މީގެ ތެރޭގައި، ސަރުކާރުގެ މަސްކުންފުނި މިފްކޯއިން ކަންނެލި ގަނެ، އެކްސްޕޯޓްކޮށް މާކެޓް ކުރުމުގެ އިންތިޒާމް ހަމަޖެއްސުމާއި، ކަންނެލި ގަނެވޭނެ އެންމެ ދަށް އަގެއް ކަނޑައެޅުމުގެ އިތުރުން، މަސްވެރިކަމުގެ ޚަރަދުތައް ކުޑަކުރުމާއި، މަސްވެރިންގެ މެދުގައި ތަފާތުކުރުމެއް ނުގެންގުޅުން ހިމެނެއެވެ.

ބީކޭއެމްޔޫއިން ފާހަގަކުރާ ގޮތުގައި، މި ސަރުކާރު ވެރިކަމަށް އައުމުގެ ކުރިން، ކަންނެލި މަސްވެރިންނަށް ވަރަށް ބޮޑެތި ވައުދުތަކެއް ވެފައިވެއެވެ. މި ވައުދުތަކުގެ ތެރޭގައި މިފްކޯއިން ކަންނެލި ގަންނަން ފެށުމާއި، ކަންނެލީގެ އެންމެ ދަށް އަގު 80 ރުފިޔާ އާއި 100 ރުފިޔާއާ ދެމެދު ކަނޑައެޅުން ހިމެނެއެވެ. އަދި ހަމަ އެހެންމެ، މަސްވެރިންނަށް ބޭސް ރޭޓުގައި ތެޔޮ ފޯރުކޮށްދިނުމާއި ފަސޭހައިން އައިސް ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ ވައުދުވެސް ވަނީ ވެފައެވެ. ސަރުކާރު ވެރިކަމަށް އައީ މަސްވެރިންގެ ބޮޑު ތާއީދަކާ އެކުކަން އެ ޔޫނިއަނުން ފާހަގަކުރެއެވެ.

ނަމަވެސް، މި ވައުދުތައް ފުއްދުމަށް މިހާތަނަށް މަސައްކަތްކުރެވުނު މިންވަރާމެދު އެ ޔޫނިއަނުން ހިތްހަމަނުޖެހޭކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ. އަދި ސަރުކާރާއި ކަމާބެހޭ ފަރާތްތަކާ އެކު ތަފާތު ގޮތްގޮތަށް މަސައްކަތްކޮށްފައިވީ ނަމަވެސް، ކުރިއެރުމެއް ނުލިބޭކަމަށް ވެސް އެ ޔޫނިއަނުން ބުނެފަވެއެވެ.

އެހެންވެ، ޑިސެމްބަރ 10 ވަނަ ދުވަހު ބާއްވާ އަހަރީ ބައްދަލުވުމަށްފަހު، މަސްވެރިންގެ ޙައްޤުގައި އަޑުއުފުލާ އިހުތިޖާޖު ކުރުމަށް ޔޫނިއަންގެ މެންބަރުން ނިންމާފައިވާ ކަމަށް ބަޔާނުގައިވެއެވެ.

މި ޔޫނިއަނުން ކުރީ ސަރުކާރުގެ ދުވަސްވަރު ވެސް ވަނީ އެ ޔޫނިއަންގެ އަހަރީ ދުވަސްތަކާއި ދިމާކޮށް ބޮޑުކަންނެލި މަސްވެރިންގެ ހައްގުތައް ހޯދުމަށް އިހުތިޖާޖުތައް ބާއްވާފައެވެ.

ބޮޑުކަންނެލި މަސްވެރިންގެ ޔޫނިޔަން (ބީ.ކޭ.އެމް.ޔޫ) ގެ ނަމުގައި މަސްވެރިންގެ ހައްޤުގައި ވަކާލާތުކޮށް އަޑު އުފުލުމަށް މިޖަމިއްޔާ ރަޖިސްޓްރީކޮށްފައިވަނީ 2021 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 9 ވަނަ ދުވަހުއެވެ. އެ ޔޫނިއަން ހަރަކާތްތެރިވާން ފެށީ 2020 ވަނަ އަހަރުގެ މަސްވެރިންގެ ދުވަސް، ޑިސެމްބަރު 10 ވަނަ ދުވަހު އެވެ.

ބީކޭއެމްޔޫ އުފެދުނު ފަހުން އެ ޔޫނިއަނުން އަންނަނީ ބޮޑު ކަންނެލި މަސްވެރިންގެ ހައްގުގައި ގިނަ އަޑުއުފުލައި، މަސައްކަތްތަކެއް ކުރަމުންނެވެ.