ކ. ގުޅިއަށް އިތުރުވި ބިމުގައި ރައްޔިތުންނަށް ބޭނުންވާ ކަންކަން ކުރުމަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، މާލެއަތޮޅު ގުޅީ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތުގެ ނިމުން ފާހަގަކުރުމުގެ ގޮތުން، އެ ރަށު ހިއްކިބިމު ސަރަޙައްދުގައި މިއަދު ހަވީރު ކުރިއަށްގެންދެވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.

Ad
rt

ރައީސް ވިދާޅުވީ، މި މަޝްރޫޢު ނިމިގެން އިތުރުވެގެންދާ ބިމަކީ ގުޅީގެ ރައްޔިތުންގެ ތަރައްޤީގެ ގިނަ ކަންތައްތަކެއް ފެށުމަށް އެޅިގެންދިޔަ ޞަފްޙާއެއް ކަމަށެވެ. އަދި ރައްޔިތުން ބޭނުންވާގޮތަށް މި ބިން ބޭނުންކުރުމަށް ހައްދަވާ ލޭންޑް ޔޫސް ޕްލޭނަކީ، މި ބިން އެންމެ ހެޔޮގޮތުގައި، ރައްޔިތުންނަށް ބޭނުންކުރެއްވޭނެގޮތް ފަހިވާ ކުރެހުމަށް ވާނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ސަރުކާރުން ދޭ ޔަޤީންކަމަކީ، ރައްޔިތުންނަށް ބޭނުންވާ ކަންކަން މި ބިމުން ކުރުމުގައި ފުރިހަމަ އެއްބާރުލުން ދެއްވާނެކަމާއި، އަދި މަގުތައް ފަހިކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. އެއީ، ގޯތިގެދޮރު ބިނާކުރުމަށްޓަކައި ހައުސިންގ މަޝްރޫޢުތައް ހިންގައިދިނުން ކަމުގައިވިޔަސް، އަދި އިޖުތިމާޢީ، ޢުމްރާނީ ތަރައްޤީއަށް ބޭނުންވާ ކަންކަމަށް އިސްކަންދީގެން މަސައްކަތްތައް ކުރުން ކަމުގައިވިޔަސް، ސަރުކާރު އޮންނާނީ، ގުޅީގެ ރައްޔިތުންނާއެކު، ދާންބޭނުންވާ މިސްރާބަކަށް ދިޔުމުގައި ފުރިހަމައަށް އެއްބާރުލުން ދީގެން ކަމަށް ރައީސްގެ ވާހަކަފުޅުގައި ބަޔާންކުރެއްވިއެވެ.

އެގޮތުން، ރަސްމިއްޔާތުގައި ސޮއިކުރެވުނު ގުޅީ ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢާއި ބެހޭގޮތުން ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ރައްޔިތުން އެދިވަޑައިގެންނެވި މި މަޝްރޫޢުއަށް ހިއްކުމުގެ މަޝްރޫޢު ފަދައިން އިސްކަންދެވި، ބާރު ސްޕީޑުގައި ކުރިއަށްގެންދެވޭނެ ކަމަށެވެ. އަދި މިހާރުވެސް މަޝްރޫޢަށް ބޭނުންވާ ބައެއް ތަކެއްޗާއި މެޝިނަރީޒް ރަށުގައި ހުރިކަން ފާހަގަކުރައްވައި، މިއީވެސް ދާދި އަވަހަށް ޢަމަލީގޮތުން ހިނގައި، ކާމިޔާބުކަމާއެކު ނިމޭނެ މަޝްރޫޢަކަށްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ހަމަ އޭގެ އިތުރަށްވެސް ހިނގަމުންދާ ގިނަ މަޝްރޫޢުތައް ނިންމުމަށްވެސް ސަރުކާރުން އިސްކަންދޭ ކަމަށް ރައީސް ވިދާޅުވިއެވެ. އެ ކަންކަން އަވަހަށް ނިންމުމަކީ، ސަރުކާރުން އެންމެ އިސްކަންދޭން ބޭނުންވާ ކަމެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި އަންނަ އަހަރަށް ފާސްކުރާ ބަޖެޓުގެ ތެރެއިން ރިޔާސީ އިންތިޚާބުގައި ވެފައިހުރި އެހެން ވަޢުދުތަކަށްވެސް މަސައްކަތްތައް ހިމަނާފައިވާ ކަމަށާއި، މިސްކިތް މަޝްރޫޢުތަކާއި އެހެނިހެން ކަންކަން ވެސް އެގޮތުން ހިމެނޭ ކަމަށް ރައީސް ވިދާޅުވިއެވެ.

ޖުމްލަކޮށް މި އަހަރު ނިމުނު ކަންކަމާއި، މި ސޮއިކުރެވުނު މަޝްރޫޢާއި، އަންނަ އަހަރު ބަޖެޓަށް ލެވޭ މަޝްރޫޢުތައް ވެގެންދާނީ، ރިޔާސީ އިންތިޚާބުގައި، އަދި އޭގެ ފަހުންވެސް ގުޅީ ރައްޔިތުންނާ އެކުގައި، ރައްޔިތުން ގާތުގައި ރައީސް ވެފައިވާ ވަޢުދުތައް ފުރިހަމަވެގެންދާ މަޝްރޫޢުތަކަށް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.