އެމަނިކުފާނުގެ ސަރުކާރުން ފަށާފައިވާ "މޯލްޑިވްސް 2.0" މަޝްރޫޢަކީ ކޮރަޕްޝަން ނައްތާލުމަށް ހިންގާ އެންމެ ބޮޑު މަސައްކަތް ކަމަށާއި، މުޅި ދައުލަތުގެ ހުރިހާ މުއައްސަސާތައް ގުޅިގެން ހިންގާ މި މަޝްރޫޢު 2028 ވަނަ އަހަރުގެ މެދަކާ ހިސާބުގައި ނިންމާލެވޭނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ، ދިވެހިރާއްޖޭގެ ޖުމްހޫރީ ދުވަހުގެ މިއަހަރުގެ ރަސްމީ ޖަލްސާގައި ޤައުމާ މުޚާޠަބުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
ޤައުމާ މުޚާޠަބުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ކޮރަޕްޝަން ނައްތާލުމަކީ އެމަނިކުފާނުގެ ސަރުކާރުގެ ވަޢުދެއް ކަމަށާއި، އެކަން އިރޭޑިކޭޓް ކުރުމަށްޓަކައި ކުރެވެން ހުރި ހުރިހާ ކަމެއް ކުރަށްވާނެ ކަމަށެވެ. ކޮރަޕްޝަނަކީ ވަކި ޤައުމެއްގައި އޮންނަ ކަމެއް ނޫން ކަމަށާއި، ނޭދެވޭ މި ސިފަ ނައްތާލުމަށް މަސައްކަތް ކުރާ މިންވަރަކީ ތަފާތުކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
އެމަނިކުފާނު ވިދާޅުވީ، ހިންގުމުގެ ނިޒާމު ދެ ފުށް ފެންނަގޮތް ހެދުމާއި، ޖަވާބުދާރީ ވުން އިތުރުކުރުމާއި، ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން ނައްތާލުމަކީ ސަރުކާރު ހަރުދަނާކޮށް، ނިޒާމު ރަނގަޅުކޮށް، އަދުލުވެރިކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމެއް ކަމުގައެވެ.
ރައީސް ވިދާޅުވީ، މި ކުރެވޭ މަސައްކަތުގެ ތެރެއިން އަންނަ އަހަރަކީ ގަވަރނަންސް ނިޒާމު ހަރުދަނާ ކުރުމުގެ އެންމެ މުހިންމު އެންމެ ބޮޑު މަސައްކަތް ފެށޭ އަހަރު ކަމަށެވެ. އެގޮތުން، ޑިޖިޓަލައިޒޭޝަން މޯލްޑިވްސް 2.0ގެ ބޮޑު މަސައްކަތް އަންނަ އަހަރު ފެށޭނެ ކަމަށް ވިދާޅުވިއެވެ.
ގިނަ ފަހަރު ކޮރަޕްޝަންގެ ޢަމަލުތައް ހިނގަނީ އެކަން ކުރުމުގައި ބައިވެރިވުމުގެ ފުރުޞަތު އޮންނަ ފަރާތްތަކަށް ކަމަށާއި، އެންމެ ދަށު ލެވެލްގެ ވަޒީފާއިން ފެށިގެން މެދުފަންތީގައި ގިނައިން ހިނގާއިރު، މަތީ ފަންތީގައި ވެސް ހިނގާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ޚާއްޞަކޮށް، ރައްޔިތުންނަށް ޚިދުމަތްދޭ ފަރާތްތަކުން އަމިއްލަ ފައިދާއެއް ނެގުމުގެ ފުރުޞަތު އޮންނަ ކަންކަމުގައި ކޮރަޕްޝަން ހިނގާ މިންވަރު ގިނަ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. މިސާލެއްގެ ގޮތުން، ވަރކް ޕަރމިޓް އާކުރުމާއި ބޭރުމީހުންގެ ވިސާގެ ކަންކަމުގައި މި ނިޒާމުގެ ތެރޭގައި މިހާތަނަށް ކޮރަޕްޝަން އިންތިހާއަށް އޮތް ކަމަށް ވިދާޅުވިއެވެ.
ރައީސް މުޢިއްޒު ވިދާޅުވީ، އިމިގްރޭޝަން ސަރވިސް އިއްޔެ އެކީގައި ޑިޖިޓަލައިޒްކޮށްފައިވާ ކަމަށާއި، މިހާރު ހިއުމަން އިންޓަރވެންޝަން ގާތްގަނޑަކަށް ހުއްޓާލެވިފައިވާ ކަމަށެވެ. މާނައަކީ، ރައްޔިތަކު މީހެއް ކައިރީގައި ބުނެގެން ނުވަތަ އާދޭސްކޮށްގެން ކޮރަޕްޝަން ހިންގަން ފުރުޞަތު ނޯންނާނެ ގޮތަށް، އޮޓޯ ސިސްޓަމަކުން ޑިޖިޓަލައިޒްކޮށް، ހުރިހާ ކަމަކަށް އެޕްލައިކުރެވި، ކުރިއަށްދާ ގޮތް ބެލި، ޖަވާބު ލިބޭނެ ގޮތަށް ކަންކަން ހަމަޖެހިފައިވާ ކަމަށެވެ. މީގެ ތެރޭގައި ޕާސްޕޯޓް ކަމުގައިވިޔަސް، ވިސާ ކަމުގައިވިޔަސް، ނުފޫޒު ފޯރުވުމުގެ ފުރުޞަތުތައް ނައްތާލެވިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
މޯލްޑިވްސް 2.0 ވެގެންދާނީ، ގަވަރނަންސް ނިޒާމުން، ސަރުކާރުގެ ނިޒާމުގެ ތެރެއިން ކޮރަޕްޝަން ނައްތާލުމަށް ސަރުކާރުން ކުރާނެ އެންމެ ބޮޑު މަސައްކަތަށް ކަމަށް ރައީސް ވިދާޅުވިއެވެ. އަންނަ އަހަރުގެ ބަޖެޓުން މި މަސައްކަތަށް ބޮޑު އަދަދެއް ހިމަނާފައިވާ ކަމަށާއި، އެކިއެކި އޮފީސްތަކުގެ އެކި ޚިދުމަތްތައް ޑިޖިޓަލައިޒްކޮށް މުޅިން ޕޭޕަރލެސް ކުރުމަށް މި ހުރިހާ ކަމެއް ކުރާނެ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެން ބޭނުންވަނީ، ރައްޔިތުންނަށްދޭ ޚިދުމަތް އެއީ، އެންމެ އަވަސްކޮށް ދެވޭ، އެންމެ އެފިޝަންޓްކޮށް ދެވޭ، އޭގައި ކޮރަޕްޝަން ނެތް ޚިދުމަތްތަކަށް ހަދަން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި، މި ޑިޖިޓަލައިޒް ކުރުމުގެ ބޮޑު ޤައުމީ މަސައްކަތް ލޯންޗްކޮށް ފަށާފައިވާއިރު، މިކަމުގައި މުޅި ދައުލަތް ބައިވެރިވާނެއެވެ. އެކަމުގައި ބައިވެރިވާނީ ހަމައެކަނި ސަރުކާރުގެ އޮފީސްތަކެއް ނޫން ކަމަށާއި، ޖުޑިޝަރީ، ރައްޔިތުންގެ މަޖިލިސް، ބޭންކްތައް، ސަރވިސް ޕްރޮވައިޑަރުން ހިމެނޭހެން ހުރިހާ ފަރާތްތައް ބައިވެރިވާނެ ކަމަށް ވިދާޅުވިއެވެ. އެންމެން ގުޅިފައި އޮންނަ ނިޒާމެއްގެ ތެރެއިން، އިންޓަރ އޭޖެންސީ ނެޓްވަރކެއް ޤާއިމުކޮށް، ޚިދުމަތްތައް ދިނުން އަވަސްކޮށް، އެއްތަނެއްގައި ހުރި މަޢުލޫމާތު، އަނެއް އޮފީހަކުން ދޭ ޚިދުމަތާ ގުޅޭވަރަށް ވަގުތުން ހޯދޭނެ ގޮތް ހަމަޖައްސާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މޯލްޑިވްސް 2.0 އަކީ ތިން އަހަރުގެ މަސައްކަތެއް ކަމަށާއި، މި އަހަރުން ފެށިގެން މި މަސައްކަތް ފަށާފައިވީ ނަމަވެސް، އަންނަ އަހަރަކީ ފުރަތަމަ އަހަރު ކަމަށް ރައީސް ވިދާޅުވިއެވެ. އެއާ ޖެހިގެން އޮތް އަހަރު ބޮޑު ބައި ނިމޭނެ ކަމަށާއި، 2028ގެ މެދަކާ ހަމައަށްދާއިރު، އިރާދަކުރެއްވިއްޔާ ކަނޑައަޅާފައި ހުރި ޓާގެޓުތަކަށް ދާއިރު، ކޮންމެ ރައްޔިތެއްގެ ޚިދުމަތް، އެ ރައްޔިތެއްގެ އަތުން ފެންނަގޮތަށް، އެ މީހަކު ކުރަން ބޭނުންވާ ކަމެއްގައި، އެއީ ޞިއްޙީ ދާއިރާއިން ވިޔަސް، ދެން ކޮންމެ ދާއިރާއަކުން ކަމުގައިވިޔަސް، އަތުގައި އޮންނަ އައިޑެންޓިޓީ ކާޑަކީ، ފުލީ ޑިޖިޓަލައިޒް ނިޒާމެއްގެ ތެރެއަށް ވަދެގެންދާ އައިޑެންޓިޓީ ކާޑަކަށް ވެގެންގޮސް، ހުރިހާ ކަމެއް ފެންނަގޮތަށް އޮންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މި ޚިދުމަތް ޤާއިމުކުރުމުގައި މުޅި ރައްޔިތުން ބައިވެރިވުން މުހިންމު ކަމަށާއި، ޒުވާނުން އަމުދުން މިކަމުގައި އެހީތެރިކަން ދޭންޖެހޭނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އުމުރުން ދުވަސްވީ އިސް ރަށްވެހިންނަށް އެކަމުގައި ބައިވެރިވުމުގެ އެހީތެރިކަން، އެ ޒުވާނުންގެ މައިންބަފައިންނާއި ފަރާތްތަކަށް ދީގެން، މުޅި މުޖުތަމަޢު، އާބާދީގެ އެންމެން މީގައި ބައިވެރިވެވޭ ގޮތަށް، ކުރިއަށް އޮތް ދެ އަހަރާބައިގެ ތެރޭގައި، ޑިޖިޓަލައިޒޭޝަންގެ ތެރެއަށް ވަންނަންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!