ހދ. ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓުގައި ޑޮލަރު އޭޓިއެމްއަކާއި ޑޮލަރު ދޫކުރާ ކައުންޓަރެއް ގާއިމުކޮށް، އެއާޕޯޓުން ދަތުރުކުރާ ފަރާތްތަކަށް ފަސޭހައިން ޑޮލަރު ލިބޭނެ އިންތިޒާމް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިރޭ ހަމަޖައްސައިފިއެވެ.
މި ޚިދުމަތްތައް ރަސްމީކޮށް ފައްޓަވައިދެއްވީ ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު ރަސްމީކޮށް ހުޅުވުމަށް މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓުން ޑޮލަރު ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމަކީ ބޭންކަށް ލިބޭ އުފަލެއް ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ، "ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓްގައި ޑޮލަރު ކައުންޓަރާއިއެކު ޑޮލަރު އޭޓީއެމްވެސް ގާއިމުކުރެވުމުން ހާމަވެގެންދަނީ އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ރާއްޖޭގެ ކޮންމެތާކުންވެސް ބޭންކުގެ ޚިދުމަތްތަކަށް ފަސޭހައިން ވާސިލުވެވޭނެ ވަސީލަތްތައް ގާއިމުކުރުމަށް އަޅުގަނޑުމެން ދޭ އަހުމިއްޔަތުކަން."
މި ޚިދުމަތްތަކާއެކު، ބީއެމްއެލްގެ އަމާޒަކީ މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު އާންމު ފަރުދުންނާއި ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ. މިހާރުވެސް ބީއެމްއެލްގެ ޚިދުމަތްތައް 20 އަތޮޅުގައި 42 ބްރާންޗް، 202 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 262 އޭޓީއެމްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ދަނީ ފޯރުކޮށްދެމުންނެވެ. ހަނިމާދޫ އެއާޕޯޓުގައި މި ޚިދުމަތްތައް ގާއިމުކުރުމަކީ ރާއްޖޭގެ އުތުރުގައި އިގްތިސާދީ ހަރަކާތްތައް އިތުރުކުރުމަށް ބޭންކުން ދޭ އަހައްމިއްޔަތުކަން ރަމްޒުކޮށްދޭ ކަމެކެވެ.
މި ޚިދުމަތްތަކުގެ ސަބަބުން، އުތުރުގެ ރަށްތަކަށް ދަތުރުކުރާ އަދި އެއާޕޯޓް ބޭނުންކުރާ ދަތުރުވެރިންނަށް މާލީ ޚިދުމަތްތައް ހޯދުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!