އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ ހާއްސަ މަންދޫބު، އިންޑިއާގެ މިނިސްޓަރ އޮފް ސިވިލް އޭވިއޭޝަން ކިންޖަރާޕޫ ރާމް މޯހަން ނައިޑޫ ރަސްމީ ދަތުރުފުޅެއްގައި ދިވެހިރާއްޖެއަށް މިއަދު ވަޑައިގަންނަވައިފިއެވެ.
މިނިސްޓަރު ކިންޖަރާޕޫ ރާމް މޯހަން ނައިޑޫ ރާއްޖެއަށް ވަޑައިގަތުމުން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން މަރްޚަބާ ދެންނެވީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. އަބްދުﷲ ޚަލީލްއެވެ.
ފޮރިން މިނިސްޓްރީީން ބުނިގޮތުގައި މިނިސްޓަރު ކިންޖަރާޕޫ ރާމް މޯހަން ނައިޑޫގެ މި ދަތުރުފުޅުގެ މައިގަނޑު މަޤްޞަދަކީ، ހަނިމާދޫގައި މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެބަނދަރު ހުޅުވުމުގެ ހާއްސަ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމެވެ. ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެބަނދަރު ތަރައްޤީގެ މަޝްރޫޢަކީ އިންޑިއާ ސަރުކާރުގެ ލައިން އޮފް ކްރެޑިޓް (އެލް.އޯ.ސީ) އެހީގެ ދަށުން ކުރިއަށްގެންދިޔަ ބޮޑު މަޝްރޫޢެކެވެ.
އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓަރުގެ އަރިހުގައި އިންޑިއާގެ ސިވިލް އޭވިއޭޝަން ދާއިރާގެ އިސް ވަފުދެއްވެސް ދިވެހިރާއްޖެއަށް ވަޑައިގެންފައިވެއެވެ.
ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެބަނދަރު ބޮޑުކުރުމުގެ މަޝްރޫޢުއަކީ އިންޑިއާގެ އެގްޒިމް ބޭންކުން ރާއްޖެ އަށް ދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހިންގި މަޝްރޫޢޫއެކެވެ. މި މަޝްރޫޢުއަށް ދޫކޮށްފައި ވަނީ އޭގެ ތެރެއިން 137 މިލިއަން ޑޮލަރެވެ.
މި މަޝްރޫޢު ދިވެހި ސަރުކާރުން ހަވާލު ކޮށްފައި ވަނީ، ފްލެޓް އެޅުމާއި ފެނާއި ނަރުދަމާގެ އެކި ޕްރޮޖެކްޓްތައް މިހާރު ވެސް ރާއްޖޭގައި ކުރިއަށް ގެންދާ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑާއެވެ.
ހަނިމާދޫ ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެބަނދަރު ތަރައްގީކުރުމުގެ މަޝްރޫޢު ނިމުން ފާހަގަކޮށް، ހުޅުވުމުގެ ރަސްމިއްޔާތު ފަށާނީ މިރޭ 19:30 ގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!