ހަރުދަނާ ފިރިންނަކީ ގޭތެރޭގައި ވެސް ހަރުދަނާ ބައެކެވެ. ފިރިހެނުންގެ ޙަޤީޤީ ދައުރަކީ އަނބިދަރީންނަށް ޚިދުމަތްތެރިވުމެވެ. އަނބިދަރީންގެ ޙަޤީޤީ ދައުރަކީ ފިރިންނަށް ކިޔަމަންތެރިވުމެވެ.
ދެމަފިރިއެއްގެ ޙަޔާތް ކުރިޔަށް ގެންދިޔުމުގައި އެކަކު އަނެކަކުގެ އެހީތެރިކަމާއި އެއްބާރުލުން ލިބުމަކީ ވަރަށް ބޮޑަށް ބޭނުން ކަމެކެވެ. ދިރިއުޅުމަކީ އަމާން ބަނދަރަކަށް ދިޔުމަށް ކުރާ ބުރަ ދަތުރެކެވެ. އެ ދަތުރުގައި ކުރާންޖެހޭ އެންމެ ބޮޑެތި ކަންކަމުން ފެށިގެން ގޮސް އެންމެ ކުދި ކަންތައްތަކުގައި ވެސް އެހީތެރިވުމާއި އެއްބާރުލުން ދިނުމަކީ، އުފާވެރި ޙަޔާތެއް އުޅެވޭނެ ގޮތެވެ.
ދިރިއުޅުމުގެ އެކިއެކި ކަންކަމުގައި ދެމަފިރިންގެ މެދުގައި އޮންނަ ގުޅުން ވަރަށް ރަނގަޅަށް ތަމްސީލުވެ ފުރިހަމަ ނަމޫނާއެއް ފެންނަނީ އިސްލާމީ ޝަރީޢަތުގައި ދިރިއުޅުމުގެ ހަމަތައް އަންގަވައިފައި އޮތް ގޮތަށް ބަލައިލީމައެވެ. އެ ގޮތުގެ މަތީ ދިރިއުޅުއްވި މާތް ބޭކަލުންގެ ޙަޔާތްޕުޅުތަކުގެ ވާހަކަ ކިޔައިލީމައެވެ. އެ ގޮތުން އެންމެ ފުރިހަމަ ނަމޫނާއަކީ މި ކަމުގައި ވެސް ނަބިއްޔާ މުޙައްމަދު صَلَّىٰ اللّٰهُ عَلَيْهِ وَسَلَّم އެވެ.
އިތުރު އެކަލޭގެފާނު ގަނޑުވަރުކޮޅުގައި އަހުލުންނާ އެކު އުޅުއްވާ ގޮތާއި ގެންގުޅުއްވާ މަތިވެރި އަޚްލާޤުފުޅުތަކުގެ ތެރެއިން ކަމެއް ބަޔާން ކުރައްވަމުން އެކަލޭގެފާނުގެ އަނބިކަމަނާ ޢާއިޝާ رضي الله عنها ރިވާކުރެއްވި ޙަދީޘްފުޅެއްގައި ވެއެވެ. «سَأَلْتُ عَائِشَةَ رَضِيَ اللهُ عَنْهَا: "مَا كَانَ يَصْنَعُ النَّبِيُّ فِي أَهْلِهِ؟" فَقَالَتْ: "كَانَ يَكُوْنُ فِي مِهْنَةِ أَهْلِهِ، فَإِذَا حَضَرَتِ الصَّلَاةُ خَرَجَ"» (البخاري) މާނައީ: "ޢާއިޝަތުގެފާނާ ސުވާލު ވެވުނެވެ. ނަބިއްޔާ صَلَّىٰ اللّٰهُ عَلَيْهِ وَسَلَّم އެކަލޭގެފާނުގެ އަހުލުންނާ އެކު އުޅުއްވަނީ ކޮންފަދައަކުންތޯއެވެ؟ އެ ކަމަނާ ވިދާޅުވިއެވެ. އެކަލޭގެފާނު އުޅުއްވަނީ ގޭތެރޭގެ ކަންކަމުގައި އަހުލުންނަށް އެހީތެރިވެވަޑައިގަތުމުގައެވެ. އެ ގޮތަށް އުޅުއްވަނިކޮށް ނަމާދު ވަގުތު ޖެހިއްޖެއްޔާ ގަނޑުވަރުކޮޅުން ނިކުމެވަޑައިގަންނަވައެވެ."
ކިހާ މަތިވެރި އަޚްލާޤެއްހެއްޔެވެ؟ އެ ބޭކަލެއްގެ ކިބައިގައި އެންމެ ފުރިހަމަ ނަމޫނާ އަޅުގަނޑުމެންނަށް ޓަކައި ﷲ ލެއްވެވި މަތިވެރި ރަސޫލާ صَلَّىٰ اللّٰهُ عَلَيْهِ وَسَلَّم ދެއްވި އަގުހުރި ދަރުހެކެވެ. އަދުގެ ދުނިޔެއަށް ނުހަނު ބޭނުންތެރި ފިލާވަޅެކެވެ. ޚާއްޞަކޮށް މުސްލިމުންނަށެވެ. ކޮންމެ މީހަކު ވެސް އެ މީހެއްގެ ގޭތެރޭގައި އަހުލުންނަށް އެހީތެރިވެ ގޭތެރޭގެ މަސައްކަތުގައި ބައިވެރިވެ އުޅެންވާނެއެވެ. އެއީ ﷲގެ ރުއްސެވުމާއި ފުއްސެވުން ލިބޭނޭ ކަމެކެވެ. ޢާއިލީ ގުޅުން އިތުރުވެ ހަމަޖެހުން ގެނުވާނޭ ކަމެކެވެ. ޢާއިލާތައް ހަމަޖެހުމަކީ މުޖުތަމަޢުގެ ހަމަޖެހުމެވެ.
މިއަދު އިސްލާމީ މުޖުތަމަޢުތަކުން ފެންނަނީ ޢާއިލާތައް ރޫޅި ވިއްސި ވިހާލިވާ މަންޒަރެވެ. އޭގެ އެންމެ ބޮޑު އެއް މައްސަލައަކީ ޢާތިފީ ގުޅުންތައް ކުޑަވުމެވެ. މިޒަމާނުގެ ބަހުން ބުނަންޏާ އިމޯޝަނަލް ޑިޕްރެޝަނެވެ. ދިރިއުޅުމުގެ ކަންކަމުގައި ދެމަފިރިން ބައިވެރިވެ އުޅުމަކީ ހީނަރުވަމުންދާ އާޠިފީ (އިމޯޝަނަލް) މައްސަލަތައް ހައްލުކުރުމަށް އެޅޭނެ އެންމެ ބޮޑު އެއް ފިޔަވަޅެވެ. އަޅުގަނޑުމެންގެ ކިބައިގައި މިފަދަ ރިވެތި އަޚުލާޤު އަށަގަންނަވަމާ ހިނގާށެވެ!
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!