ޤައުމުގެ އަބްޠާލުން ކުރެއްވި ޖިހާދުން ޢިބްރަތް ލިބިގަނެ، އެ މާތް ރޫޙު އަންނަން އޮތް ޖީލުތަކުގެ ދަރީންނަށް ދަސްކޮށްދީ ވާރުތަކޮށްދޭންޖެހޭ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ޤައުމާ މުޚާޠަބުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ދިވެހި ޤައުމު އޮތްހާ ދުވަހަކު، ދިވެހިން ޤައުމުގެ މިނިވަންކަން ދިފާޢުކުރައްވައި، ދިވެހި ޤައުމު މިއަދާ ހަމަޔަށް ގެނައުމުގައި އަދި ދިވެހި ޤައުމުގެ މިނިވަންކަން ސަލާމަތްކުރުމުގައި ޝަހީދުވި ހުރިހާ އަބްޠާލުންގެ ޛިކުރާ ތާއަބަދަށް ދެމިއޮންނާނެ ކަމަށެވެ.

Ad
rt

މިގޮތުން ބޮޑުތަކުރުފާނާއި، ދޮންބަންޑާރައިންނާއި، ނޮވެންބަރު 3ގެ ޝަހީދުންނާއި، އަދި އެކިއެކި ދުވަސްވަރު އެކިކަހަލަ ޙަމަލާތަކުން ދިވެހި ޤައުމު ސަލާމަތްކުރުމުގައި އަމިއްލަ ނަފްސަށްވުރެ ޤައުމު އިސްކުރައްވައި، ޤައުމީ ވާޖިބު އަދާކުރެއްވުމުގައި ޤުރްބާންވި ހުރިހާ އަބްޠާލުންގެ ޛިކުރާ ހަނދާންކުރައްވާނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ، މި ޤައުމު ފަޚުރުވެރި ޤައުމަކަށްވަނީ އެހެންވެ ކަމަށާއި، ދިވެހިންނަކީ އެއްބައެއްވަންތަ ބައެއް ކަމަށެވެ. ދިވެހީންނަކީ މާތްވެގެންވާ އިސްލާމްދީނުގައި ފައިތިލަ ސާބިތުކޮށްގެން ތިބި، އެއްބަހަކުން ވާހަކަ ދައްކައި، އެއް ނަސްލަކަށް ނިސްބަތްވާ، އެއްބައިވަންތަ، އެއްބައެއްވަންތަ ބައެއް ކަމަށް އެމަނިކުފާނު ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. މި ޤައުމުގެ މި ޙަޤީޤަތް، މި ދިވެހިވަންތަކަން، އަންނާން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގައި، ޤައުމުގެ އަބްޠާލުން ކުރެއްވި ޖިހާދުގެ މަތިން އަބަދުވެސް ހަނދާންކޮށް، އެއިން ޢިބްރަތް ލިބިގަނެ، ދަރީންނާއި ދަރީންގެ ދަރީންނަށް ދަސްކޮށްދީ ވާރުތަކޮށްދޭންޖެހޭ ކަމުގައި ރައީސް ވިދާޅުވިއެވެ.

ދިވެހި ޤައުމިއްޔަތު އިޢާދަކޮށް ދިރުވައި އާލާކުރަން މިޖެހެނީ އެހެންވެކަން ފާހަގަކުރަށްވައި ރައީސް އިތުރަށް ވިދާޅުވީ، ދިވެހި ޤައުމިއްޔަތު ދިރުވައި އާލާކުރުމުގެ މުހިންމު ސިޔާސަތެއް ކަނޑައަޅައި، މަސައްކަތް ފެށީ މި މާތް މަޤްޞަދުގައި ކަމަށެވެ. އަދި އެކަމުގެ ނަތީޖާ ފެންނަމުންދާ ކަމަށާއި، މިރޮނގުން ފަށާފައިވާ ގިނަ މަސައްކަތްތައް ކާމިޔާބީއާ ހަމަޔަށް ދެވެނީ ލޮބުވެތި ދިވެހި ރައްޔިތުން އެކަން ބަލައިގަނެ، އެކަމަށް ދެއްވާ ފުރިހަމަ އެއްބާރުލުމާއި އިތުބާރުގެ ސަބަބުން ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ދިވެހި ޒުވާނުންގެ ތެރެއިން ޤައުމީ ޚިދުމަތުގައި ބައިވެރިވެލެއްވުމަށް ބޭނުންވާ ހުރިހާ ޒުވާނުންނަށް ފުރުޞަތު ހުޅުވައިލެވުމުން، އެ ޒުވާނުންނާއި، އެކުދިންގެ ޢާއިލާތަކުން، އެއީ މުހިންމު ކަމެއްކަމާއި، އަދި އެކަމުން ވާނީ ފައިދާކަން ޤަބޫލުކުރައްވައި ކުރެއްވި އިތުބާރުގެ ނަތީޖާއެއްގެ ގޮތުން، ފުރަތަމަ ހުޅުވައިލެވުނު ފުރުޞަތުގައިވެސް، ޖާގައޮތް މިންވަރަށްވުރެ ހަތަރުގުނައަށްވުރެ އިތުރަށް ބައިވެރިވާން ޒުވާނުން ކުރިމަތިލި ކަމުގައި ރައީސް ވިދާޅުވިއެވެ.

''އިރާދަކުރެއްވީތީ މިއަދު އަޅުގަނޑުމެންނާ އެކީގައި މި ބައިވެރިވާ ޒުވާނުންނަކީ، މީގެ ފުރަތަމަ ބެޗް. އިރާދަކުރެއްވިއްޔާ މި ފެށޭ އަހަރު، މީގެ ތިންގުނަ، ނޫނީ ހަތަރުގުނައަށް، އަޅުގަނޑުމެން ކުރިންވެސް ކަނޑައަޅާފައި އޮތްގޮތަށް ގާތްގަނޑަކަށް އިތުރު 1000 ކުދިން ތަމްރީނު ކުރަން ފެށޭނެ. ހަމަ އެގޮތަށް، ދެންއޮތް ކޮންމެ އަހަރަކު، މަދުވެގެން 1000 ކުދިން ތަމްރީނު ކުރަމުން އަޅުގަނޑުމެން ގެންދާނަން.'' ރައީސް ވިދާޅުވެފަވެއެވެ.

މިކަމަށްޓަކައި އެމް.އެން.ޑީ.އެފް.ގެ ފަރާތުން ދެއްވާ އެއްބާރުލެއްވުމާއި، މިކަމުގައި ބައިވެރިވެވަޑައިގަންނަވާ ހުރިހާ ފަރާތްތަކުން، ފުލުހުންގެ ފަރާތުންވެސް އަދި އެހެން މުއައްސަސާތަކުންވެސް ދެއްވާ އެއްބާރުލެއްވުމަށްޓަކައި އެމަނިކުފާނު ވަރަށް އުފާކުރައްވާ ކަމަށް ރައީސްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.