މޯލްޑިވްސް އިމިގްރޭޝަނަށް 70 އޮފިސަރުން ހޯދުމަށް އިއްޔެ އްވި ވޯކް-އިން އިންޓަވިއުގައި 500 އަށް ވުރެ ގިނަ ޒުވާނުން ބައިވެރިވެއްޖެއެވެ.

އިމިގްރޭޝަނުން ބުނި ގޮތުގައި، ހުޅުމާލޭ ފޭސް 2 ގައި ހުންނަ ސަލާހުއްދީން ސްކޫލްގެ ހޯލުގައި ކުރިއަށް ގެންދިޔަ މި އިންޓަވިއުއަށް ވަރަށް ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެއެވެ. މި މަގާމުތަކަށް ހުޅުވާލާފައިވަނީ 30 އަހަރުން ދަށުގެ ޒުވާނުންނަށެވެ.

Ad
rt

މި ވަޒީފާތަކުގެ މުސާރައާއި އިނާޔަތްތަކަށް ބަލާއިރު، އަސާސީ މުސާރައިގެ ގޮތުގައި 6،500 ރުފިޔާ ލިބޭނެއެވެ. މީގެ އިތުރުން ސާވިސް އެލަވަންސްގެ ގޮތުގައި 1،500 ރުފިޔާ ކަނޑައަޅާފައިވެއެވެ. އިމިގްރޭޝަނުގެ ބޭސިކް ތަމްރީނު ފުރިހަމަ ކުރުމުން، ސްޕެޝަލް ސާވިސް އެލެވެންސްގެ ގޮތުގައި މުސާރައިގެ 35 ޕަސެންޓް އިތުރަށް ލިބޭނެ ކަމަށް އިމިގްރޭޝަނުން މައުލޫމާތު ދެއެވެ.

އިމިގްރޭޝަނުގެ ވަޒީފާތަކަށް ޒުވާނުންގެ ފަރާތުން ލިބޭ ތަރުހީބު މިހާރު ވަނީ އިތުރުވެފައެވެ. މިދިޔަ މެއި މަހުގެ 25 ވަނަ ދުވަހު ވެސް 50 ވަޒީފާއަށް މީހުން ހޯދުމަށް ވޯކްއިން އިންޓަވިއުއެއް ބޭއްވިއެވެ. އެ ފަހަރުގެ އިންޓަވިއުގައި 876 މީހުން ބައިވެރިވި ކަމަށް އިމިގްރޭޝަނުން ވަނީ ހާމަކޮށްފައެވެ.

ވޯކްއިން އިންޓަވިއުއަކީ ވަޒީފާއަށް އެދި ކުރިއާލާ އެޕްލިކޭޝަން ހުށަހެޅުމެއް ނެތި، އިއުލާނުކުރާ ގަޑިއަށް އެތަނަކަށް ހާޒިރުވެ އިންޓަވިއުގައި ބައިވެރިވުމެވެ. މިފަދަ އިންޓަވިއުތަކަށް ދާއިރު، ވަޒީފާއަަށް އެދޭ އެޕްލިކޭޝަން ފޯމާއި ސީވީއާއި އައިޑީ ކާޑުގެ ކޮޕީއާއި ތައުލީމީ ސެޓްފިކެޓްތައް ގެންދަން ޖެހެއެވެ.