މާލޭގައި އަލަށް އެޅުމަށް ހަމަޖެހިފައިވާ ދާރުލްއަރުޤަމް ވަގުފު އިމާރާތުގެ މަސައްކަތް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުއާރުސީ) އާ ހަވާލުކޮށް، އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.
12 ބުރިއަށް ޒަމާނީ ފެންވަރަށް އަޅާ މި އިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ މިއަދު އިސްލާމީ މަރުކަޒުގައެވެ. މި މަޝްރޫޢު ނިމުމުން އިސްލާމީ ދާއިރާއަށް މާލީ ގޮތުން ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށް ލަފާކުރެވޭއިރު، އަހަރަކު 10 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ އާމްދަނީ ލިބޭނެކަމަށް އަންދާޒާކުރެވޭކަަމަށް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން މިއަދު ވަނީ ބުނެފައެވެ.
މަޝްރޫޢުގެ ތަފްޞީލް
އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި މި ރަސްމިއްޔާތުގައި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ. އަދި އާރުއާރުސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އާދަމް ރަޚީމްއެވެ.
540 ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މި މަޝްރޫޢުގެ ޖުމްލަ އަގަކީ 39,462,545.08 ރުފިޔާއެވެ. މި މަޝްރޫޢުއަކީ ބޭންކް އޮފް މޯލްޑިވްސް އިސްލާމިކް ފައިނޭންސިންގެ ދަށުން ފަންޑު ކުރާ މަޝްރޫޢެކެވެ.
މާލޭގައި އަޅަން ނިންމާފައިވާ ވަގުފު އިމާރާތް، ''ދާރުލްއަރުޤަމް''އެޅުމުގެ އެއްބަސްވުމުގައި ސޮއިކުރުން، ފޮޓޯ: އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ
ޒަމާނީ ވަސީލަތްތަކާއެކު 12 ބުރީގެ އިމާރާތެއް
ދާރުލްއަރުޤަމް ވަޤުފް އިމާރާތަކީ 12 ފަންގިފިލާއަށް އިމާރާތްކުރެވޭ، ރިސެޕްޝަން ހިމެނޭ، ބޭސްމެންޓާއި ގްރައުންޑް ޕާކިންގއަށް ޚާއްސަކުރެވޭ ޢިމާރާތެކެވެ. އިމާރާތުގެ ދެވަނަ ބުރީގައި ކޮންފަރެންސް ހޯލެއް ޤާއިމްކުރެވޭއިރު، އެއް ވަނަ ބުރިން ފެށިގެން 12 ވަނަ ބުރިއަށް ޒަމާނީ އޮފީސް ބައިތަކާއި، މީޓިންގ ރޫމުތައް ހުންނާނެއެވެ.
މީގެ އިތުރުން ނަމާދު ކުރާ ކޮޓަރިތަކާއި، އޯޕަން ޓެރަސްއެއްގެ ގޮތުގައި ރޫފްޓޮޕް ބޭނުންކުރެވޭނެއެވެ. ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ވަދެ ނިކުމެ ހެދުމަށް ލިފްޓާއެކު ޚާއްސަ އިންތިޒާމްތައްވެސް ހަމަޖައްސާނެއެވެ.
އާމްދަނީގެ ބޭނުން ހިފާނެ ގޮތް
މި ވަޤުފް އިމާރާތުން ލިބޭނެ ކަމަށް ލަފާކުރެވޭ އަހަރެއްގެ 10 މިލިއަނަށްވުރެ ގިނަ ރުފިޔާގެ އާމްދަނީގެ 20 އިންސައްތަ ދިވެހިރާއްޖޭގެ ޒަކާތު ހައުސްއަށް ޖަމާކުރާނެއެވެ. ބާކީ 80 އިންސައްތަ ވަނީ އިސްލާމިކް ވަޤުފް ފަންޑަށް ޖަމާކުރުމަށް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ނިންމާފައެވެ،
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!