ހއ. އިހަވަންދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިޔުޑީސީ) އިން ކުޑަކުދިންނަށް ޤުރްއާން ހިތު ދަސްކުރުމުގެ ޕްރޮގްރާމުގެ ދަށުން، 2 ވަނަ ބުރުގައި ވަނަތައް ހާސިލްކުރި ކުދިންގެ އަގު ވަޒަންކުރުމަށް ފައިސާގެ ޗެކް އާއެކު ހަދިޔާ ހަވާލުކޮށްފިއެވެ.
''ހިތްތަކުގެ ނޫރު" ގެ ނަމުގައި މި އަހަރުގެ މާރޗު މަހުން ފެށިގެން ކުރިއަށްގެންދާ މި ޕްރޮގްރާމް އަކީ 3 ބުރަކަށް ބަހާލައިގެން ކޮންމެ ބުރެއްގައިވެސް، ކަނޑައެޅިފައިވާ މުއްދަތުގައި އެބުރެއްގައި ދަސްކުރުމަށް ހާއްސަ ކޮށްފައިވާ ފޮތް ހިތުން ކިޔައިދިނުމުން، އެދަރިވަރުންނަށް ފައިސާގެ އިނާމު ލިބޭ ގޮތަށް އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
އެގޮތުން މި ޕްރޮގްރާމްގައި ފުރަތަމަ ބުރު ފުރިހަމަކުރި ދަރިވަރުންނަށް އެ ކޮމިޓީން ވަނީ ހަދިޔާ އާއެކު 500.00 (ފަސްސަތޭކަ) ރުފިޔާ ހަވާލުކޮށްފައެވެ. އަދި 2 ވަނަ ބުރަށް ހޮވި، އެ ބުރު ފުރިހަމަކުރި ދަރިވަރުންނަށް ހަދިޔާ އާއެކު 700.00 (ހަތްސަތޭކަ) ރުފިޔާ ވަނީ ދީފައެވެ.
މީގެ އިތުރުން މި މުބާރާތުގައި ތިންވަނަ ބުރު ފުރިހަމަ ކުރުމުން 1000.00 (އެއްހާސް) ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް އިހަވަންދޫ ޑަބްލިޔުޑީސީން ވަނީ ނިންމާފައެވެ.
އިހަވަންދޫ ކައުންސިލުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ދަނީ އިހަވަންދޫގައި ކީރިތި ޤުރުއާނަށް ލޯބި ޖައްސައި، ޤުރުއާން ކިޔެވުމުގެ ފަންނު އާލާކޮށް، ޤައުމީ ފެންވަރުގައި ޤުރުއާން ކިޔަވާނެ ރަނގަޅު ދަރިވަރުންތަކެއް އުފެއްދުމަށް މަސައްކަތް ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!