ޕާކިސްތާނުގެ ޖޮއިންޓް ޗީފްސް އޮފް ސްޓާފް ކޮމިޓީގެ ޗެއަރމަން، ޖެނެރަލް ސާޙިރް ޝަމްޝާދް މިރްޒާ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުއާއި މިއަދު ބައްދަލުކުރަށްވައިފިއެވެ.
ޖެނެރަލް މިރްޒާ މިހާރު ރާއްޖެއަށް ކުރަށްވަމުން ގެންދަވާ ދަތުރުގެ ތެރެއިން މި ބައްދަލު ކުރިއަށް ދިޔައީ ބުރާސްފަތި ދުވަހު ހެނދުނު ރައީސް އޮފީހުގައެވެ.
ރައީސް އޮފީހުން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި ބައްދަލުކުރެއްވުމުގައި ރައީސް މުޢިއްޒު ވަނީ، ޖެނެރަލް މިރްޒާއަށް ހޫނު މަރުޙަބާއެއް ވިދާޅުވެފައެވެ.
ރައީސް އޮފީހުން ބުނިގޮތުގައި މި ދެ ބޭފުޅުންގެ މަޝްވަރާތައް ބިނާކުރައްވާފައިވަނީ، ދެ ޤައުމުގެ ޒަމާންވީ ގުޅުން އިތުރަށް ހަރުދަނާކުރުމާއި، ކުރިއަށް އޮތް ދުވަސްތަކުގައި ދެ ޤައުމުން ގުޅިގެން ކުރެވިދާނޭ މަސައްކަތްތަކުގެ މައްޗަށް ކަމަށެވެ.
މި ބައްދަލުކުރެއްވުމުގެ މައިގަނޑު މަޤްޞަދަކީ ދެ ޤައުމުގެ ދެމެދުގައިވާ އެކުވެރި ގުޅުން އިތުރަށް ބަދަހިކުރުންކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!